
ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާރވޭއެއް އެމްއެމްއޭއިން ފަށައިފި

އާމިނަތު ޝަޒްލާ - 26 ޖުލައި 2026 - 07:47
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ޚާއްޞަ ސާރވޭއެއް މިއަދު ފަށައިފިއެވެ.
މިއީ 2018 ވަނަ އަހަރުގެ ފަހުން މިފަދަ ސާރވޭއެއް އެ އޮތޯރިޓީން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.
އެމްއެމްއޭއިން ހާމަކުރެއްވި ގޮތުގައި، މި ސާރވޭއަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށްދާނީ މި މަހުގެ 25 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް، ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އެރައިވަލް ހޯލުގައެވެ.
މި ސާރވޭ އަމާޒުކޮށްފައިވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު އެނބުރި އަންނަ ދިވެހިންނަށެވެ. ސާރވޭގައި މައިގަނޑު ގޮތެއްގައި ސުވާލުކުރެވޭނެ ކަންކަމުގެ ތެރޭގައި:
- ދަތުރުގެ މައިގަނޑު މަޤްސަދު
- ދަތުރުކުރި ޤައުމު
- ޓިކެޓާއި ހުރުމަށް ހިނގި ޚަރަދު
- ބޭސްފަރުވާއަށް ކުރި ޚަރަދު
- މުޅި ދަތުރަށް ޖުމްލަ ގޮތެއްގައި ހިނގި ޚަރަދު ހިމެނެއެވެ.
އެމްއެމްއޭއިން ވިދާޅުވީ މި ސާރވޭގައި އެއްވެސް މީހެއްގެ ނަމާއި، އެޑްރެސް ފަދަ އަމިއްލަ މައުލޫމާތެއް އެއްނުކުރާނެ ކަމަށެވެ. އަދި އެއްކުރެވޭ ހުރިހާ މައުލޫމާތެއްގެ ސިއްރުވެރިކަން ފުރިހަމައަށް ހިފަހައްޓާނެ ކަމުގެ ޔަގީންކަންވެސް އެ އޮތޯރިޓީން ވަނީ ދެއްވާފައެވެ.
ސާރވޭ ކުރިއަށްދާ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން އެއަޕޯޓުގެ އެރައިވަލް ހޯލުގައި ހަރަކާތްތެރިވަމުންދާނެތީ، ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިންވެސް މި ސާރވޭއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެމްއެމްއޭއިން ވަނީ އެދިވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ އަށް އުދަ އަރައި ގެއްލުންތަކެއް ވެއްޖެ!
2 ގަޑިއިރު ކުރިން
އިޒްރެއިލް ނޫން އެހެން ހުރިހައި ގައުމަކާ އެކު ވެސް ރާއްޖެއިން ގުޅުން ބާއްވާނަން: ރައީސް
2 ގަޑިއިރު ކުރިން

"ގޮނޑި ކޮއްކޮ ސިޔާސަތު" މިގައުމަކަށް ބޭނުމެއް ނޫން: ރައީސް
5 ގަޑިއިރު ކުރިން

މިނިވަންކަންމަތީ އަބަދަށް، ހިނިތުންވެލީ 61 އަހަރު
5 ގަޑިއިރު ކުރިން


.gif&w=3840&q=75)