
ސްޕެއިނާއި ޖޯޖިއާ ވަލާދަކުރި މެޗުގެ ތެރެއިން
ފަސޭހަކަމާއެކު ޖޯޖިއާ ބަލިކޮށް ސްޕެއިން، މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި

ހަސަން ޝަމްއޫން - 11 އޮކްޓޯބަރު 2025 - 23:15
ވޯލްޑްކަޕް ކޮލިފައިންގ ގުރޫޕް އީގައި މިރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ޖޯޖިއާ ބަލިކޮށް ސްޕެއިން، އެޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.
މިނަތީޖާތަކާއެކު މިގުރޫޕްގައި ކޮންމެ ޓީމަކުން ވެސް ތިން މެޗު ކުޅެފައިވާއިރު، ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ސްޕެއިން އެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ތުރުކީ އޮތްއިރު، ތިންވަނައިގައި ތިން ޕޮއިންޓާއެކު މިވަގުތު އޮތީ ޖޯޖިއާއެވެ. އަދި ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި މިވަގުތު އޮތީ ބަލްގޭރިއާ އެވެ.
ވޯލްޑްކަޕް ކޮލިފައިންގައި ސްޕެއިން އެންމެ ފަހުން ކުޅުނު މެޗުގައި ތުރުކީ އަތުން 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، ކޮލިފައިންގައި ޖޯޖިއާ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ބަލްގޭރިއާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕެއިނުންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ސްޕެއިނުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޔެރަމީ ޕިނޯ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ރޮބިން ލި ނޯމާންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ފަސް މިނެޓްފަހުން މެޗުގެ ލީޑު ފުޅާކުރުމަށް އެޓީމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް ފެރާން ޓޮރޭސް ކުރިއަށް ފޮނުވާލި ޕެނަލްޓީ ޖޯޖިއާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ސްޕެއިނުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މިކެއިލް އޮޔަޒަބެލް އެވެ. މިއީ ޖޯޖިއާގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ފޮނުވާލި ހަމަލާ ގޯލުގެ މަތީކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ސްޕެއިނުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ. އަދި މިގުރޫޕްގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ތުރުކީ އިން ވަނީ 6-1 ގެ ނަތީޖާއަކުން ބަލްގޭރިއާ ބަލިކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަސްތީނުގެ މިނިވަން ދައުލަތް ޤާއިމްކުރުން އަވަސްކުރަން ސްޕެއިންގައި ޚާއްސަ މަޝްވަރާތަކެއް
އަހަރެއް ކުރިން

ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފި
6 މަސް ކުރިން

ފޮރެސްޓް ބަލިކޮށް މެންޗެސްޓާ ސިޓީ އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
6 މަސް ކުރިން

ރަށުން ބޭރުގައި ޕީއެސްޖީ އިން އާސެނަލް ބަލިކޮށްފި
5 މަސް ކުރިން