
މެލޭޝިޔާގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ ބަޔަކު ހިންގާ، އައިއެސް ޖަމާއަތުގެ ނެޓްވޯކެއް މެލޭޝިޔާ ފުލުހުން ރޫޅާލައިފި

ސައިފް އަޒުހަރު - 04 ޖުލައި 2025 - 08:35
މެލޭޝިޔާގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ހިންގާ، "އިސްލާމިކް ސްޓޭޓް، އައިއެސް" ނުވަތަ އައިސިސް ޖަމާއަތަށް ނިސްބަތްވާ ނެޓްވޯކެއް މެލޭޝިޔާ ފުލުހުން ރޫޅާލައިފިއެވެ.
މި ނެޓްވޯކް އަތުލައިގެންފައިވަނީ މެލޭޝިޔާ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
ޓީވީން މިއަދު ވަގުތުން ދުރަށް ދެއްކި ޕްރެސް ކޮންފަރެންސެއްގައި މެލޭޝިޔާ ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް މުހައްމަދު ޚާލިދް އިސްމާއިލް ވިދާޅުވީ، މި ނެޓްވޯކަކީ، މެލޭޝިޔާގައި އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ މެދުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް، އައިއެސްގެ ފިކުރު ޕްރޮމޯޓްކޮށް އަދި އެ ޖަމާއަތަށް ފަންޑު ހޯދައިދޭން މަސައްކަތްކުރާ ނެޓްވޯކެއް ކަމަށެވެ.
މެލޭޝިޔާއަކީ ބޭރުގެ މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. އެގޮތުން، ފެކްޓަރީތަކުގައާއި، ދަނޑުވެރިކަމާއި އަދި ކޮންސްޓްރަކްޝަން ދާއިރާގައި، ޚާއްސަކޮށް ބަންގްލަދޭޝްގެ ގިނަ ބަޔަކު މަސައްކަތް ކުރެއެވެ.
އަހަރަކަށްވުރެ އަހަރެއް، މެލޭޝިޔާއަށް އަންނަ ބަންގްލަދޭޝްގެ މަސައްކަތްތެރިން ދަނީ ގިނަވަމުންނެވެ.
އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް މުހައްމަދު ޚާލިދް އިސްމާއިލް ވިދާޅުވީ، މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ފުލުހުން ހިންގަމުންގެންދާ އޮޕަރޭޝަންގައި މިހާތަނަށް ބަންގްލަދޭޝްގެ 36 މަސައްކަތްތެރިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ ހުރިހާ އެންމެންނަކީވެސް، ފެކްޓަރީތަކާއި، ކޮންސްޓްރަކްޝަން އަދި ޚިދުމަތް ދިނުމުގެ އެހެން ސެކްޓަރތަކުގައި މަސައްކަތްކުރާ މީހުން ކަމަށް ވިދާޅުވެފައި ވެއެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން 5 މީހެއްގެ މައްޗަށް، ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވި ކަމުގެ ދައުވާ މިހާތަނަށް އުފުލާފައި ވާއިރު، 15 މީހަކު ޑީޕޯޓްކޮށްލުމަށް ވަނީ ނިންމާފައެވެ. ތަހްގީގު ކުރިއަށްދާތީ 16 މީހަކު އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.
ފުލުހުން ތުހުމަތު ކުރަނީ، މި ނެޓްވޯކްގައި 100 ނުވަތަ 150 މީހުން ބައިވެރިވާ ކަމަށެވެ.
މެލޭޝިޔާ ފުލުހުން ގެންދަނީ، މިކަމުގައި ހިމެނޭ އިތުރު މީހުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުތަކާ ހަވަލާދީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ވިދާޅުވީ، މި މީހުންނަކީ، ބަންގްލަދޭޝްގެ އެހެން މަސައްކަތްތެރިން މެދުވެރިކޮށް ސޯޝަލް މީޑިއާއާއި، މެސެޖްކުރާ އެހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ހަރުކަށި ފިކުރުގެ ޚިޔާލުތައް ފަތުރަމުންގެންދާ ނެޓްވޯކެއް ހިންގާ ބައެއް ކަމަށެވެ.
މީގެއިތުރުން، އިންޓަރނޭޝަނަލް ފަންޑް ޓްރާންސްފަރ ސަރވިސަސްއާއި، އީ-ވޮލެޓްފަދަ ޒަރީއާއިން ފަންޑްރެއިޒްކޮށް ސޫރިޔާ އަދި ބަނގްލަދޭޝްގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތަށް ފަންޑު ފޮނުވާ ކަމަށްވެސް މެލޭޝިޔާ ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މޯލްޑިވިއަންއިން ބަންގްލަދޭޝްއަށް ދަތުރުފަށަނީ
10 ދުވަސް ކުރިން

މިނިސްޓަރ ހައިދަރު، ބަންގްލަދޭޝްގެ ވަގުތީ ވެރިޔާއާ ބައްދަލުކުރައްވައިފި
11 ދުވަސް ކުރިން

ޝޭޚް ހަސީނާ މަރަން ހުކުމްކޮށްފި
2 މަސް ކުރިން

ރައީސް ޑރ މުއިއްޒު މެލޭޝިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ އެޤައުމުގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ފޮނުއްވައިފި
4 މަސް ކުރިން


