logo

މިނިސްޓަރ ހައިދަރު، ބަންގްލަދޭޝްގެ ވަގުތީ ވެރިޔާއާ ބައްދަލުކުރައްވައިފި

profile

ޝަހްޒާ މުޙައްމަދު - 01 ޖެނުއަރީ 2026 - 17:52

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ބަންގްލަދޭޝްއަށް ވަޑައިގެންނެވި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު، ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާ ޑރ. މުޙައްމަދު ޔޫނުސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

https://wamco.com.mv/

މިނިސްޓަރު ހައިދަރު ބަންގްލަދޭޝްއަށް ވަޑައިގެންނެވީ ރައީސް މުއިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، އެޤައުމުގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި މި ބައްދަލުވުމުގައި ޗީފް އެޑްވައިޒަރު ދެއްކެވި ވާހަކަފުޅުގައި، ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރު ހައިދަރު އެގައުމަށް މިފަދަ ދަތުރުފުޅެއް ކުރެއްވީތީ ޝުކުރު އަދާކުރެއްވި އެވެ.

މިނިސްޓަރު ހައިދަރު ވަނީ ރައީސް މުޢިއްޒުގެ ފަރާތްޕުޅުން ތަޢުޒިޔާ ދަންނަވާ، ބޭގަމް ޚާލިދާ ޒިޔާއަކީ ރާއްޖެއާއި ގާތް ގުޅުމެއް ބޭއްވެވި ބޭކަނބަލެއްކަން ފާހަގަކުރައްވާފަ އެވެ. އަދި، ރާއްޖެއަށް ބަންގްލަދޭޝްއަކީ މުހިންމު ގައުމެއްކަމަށާއި، ދިވެހި މުޖުތަމަޢު ތަރައްގީކުރުމުގައި އެގައުމުގެ މަސައްކަތްތެރިންގެ ދައުރަށް، އަލިއަޅުއްވާލެއްވި އެވެ. މީގެ އިތުރުން، ދިވެހި ދަރިވަރުން މެޑިކަލް އިންޓަރންޝިޕް ނިންމުމުގައިި އެގައުމުން ފަހިކޮށްދެމުންދާ ފުރުސަތުތަކަށްވެސް ޝުކުރު އަދާކުރެއްވި އެވެ.

ޗީފް އެޑްވައިޒަރުގެ ވާހަކަފުޅުގައި، ރާއްޖެއާއި ބަންގްލަދޭޝްއަކީ ގާތް އެކުވެރި ދެގައުމުކަން ފާހަގަކުރެއްވި އެވެ. އަދި، ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕޮރޭޝަން (ސާކް) ގެ ގައުމުތަކުގެ ވެރިންނާއި ބައްދަލުވެވަޑައިގެންފައިވާ ކަމަށާއި، ޖަމާއަތެއްގެ ގޮތުގައި އަދިވެސް ސާކް ހަރަކާތްތެރިވާކަމުގެ ޔަގީންކަން އޮތްކަމަށްވެސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ހައިދަރު ވަނީ، އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ކާމިޔާބުކަމާއެކު ބޭއްވޭނެ މަގުފަހިވުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފަ އެވެ. ޗީފް އެޑްވައިޒަރު ވަނީ، ބަންގްލަދޭޝްގެ މިހާރުގެ ސިޔާސީ ހާލަތާ ގުޅޭ ތަފްސީލް ހިއްސާކުރައްވައި، ރާއްޖެއިން ދެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފަ އެވެ. މިބައްދަލުވުމުގައި، ކަނޑުގެ ދިރާސާގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން މިނިސްޓަރު ހައިދަރު ވަނީ ރައީސް މުޢިއްޒުގެ ތައުޒިޔާގެ މެސެޖެއް ޗީފް އެޑްވައިޒަރާއި ހަވާލުކުރައްވާފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay