.jpg&w=3840&q=75)
ވީއައިއޭގައި ހުއްދަނެތި ވިޔަފާރިކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

ޝަހްޒާ މުޙައްމަދު - 01 ޖެނުއަރީ 2026 - 17:52
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހުއްދަނެތި ވިޔަފާރިކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ވެލާނާ އެއާޕޯޓުގައި ފަތުރުވެރިންނަށް ބޭނުންވާނެ އެންމެހާ ކަންކަން ފޯރުކޮށްދިނުމަށް އެކި ވިޔަފާރިތައް ކުރުމާއި ހިދުމަތްތައް ދިނުމުގެ ހުއްދަ ވަކި އުސޫލުތަކަކާއި އެއްބަސްވުންތަކެއްގެ ދަށުން ދޫކުރާނީ އެ ކުންފުނިން ކަމަށެވެ. އެހެންކަމުން މި އުސޫލުތަކާއި އެއްބަސްވުންތަކުގެ ދަށުން ހުއްދަ ދޫކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އެއާޕޯޓުގައި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ނުވަތަ ހިދުމަތް ފޯރުކޮށްދިނުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މިގޮތުން އެއާޕޯޓުގައި ސިމް ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރި އާއި ހިދުމަތްތައް ދިނުމުގެ ހުއްދަ ދޫކުރެވިފައި ވަނީ ކަމާގުޅޭ ލައިސަންސް އޮންނަ އަދި އެމްއޭސީއެލްއާ އެކުގައި އެފަދަ ހިދުމަތެއް ދިނުމުގެ އެއްބަސްވުމެއް ހަދާފައިވާ ފަރާތްތަކަށް ކަމަށާއި އެހެންކަމުން އިސްވެ ދެންނެވުނު ފަދަ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ހުއްދަ ނެތް އިތުރު ފަރާތަކުން އެއާޕޯޓުގައި ދިނުމަކީ މަނާ ކަމެއް ކަމަށްވެސް އެމްއޭސީއެލްގެ ބަޔާނުގައިވެ އެވެ.
އެމްއޭސީއެލުން ބުނީ އެ ކުންފުންޏާއެކު އެއްބަސްވުމެއްގެ ދަށުން އެއާޕޯޓުގައި ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ދޭ ފަރާތަކުން އެ ވިޔަފާރި ނުވަތަ ހިދުމަތް ދޭން ވާނީ އެކަމަށް ކަނޑައެޅިފައިވާ ޖާގައިގެ ކައުންޓަރުން ނުވަތަ ވަސީލަތަކުން އެކަނި ކަމަށެވެ.
އަދި އެ ތަންތަނުން ހިދުމަތްދޭ ފަރާތްތަކުން ތިބެން ވާނީ ތަމްސީލް ކުރާ ޔުނިފޯމް ލައިގެން ނުވަތަ ފާހަގަވާނެ ފާސް ހިފައިގެން ކަމަށާއި އެއްބަސްވުމުގައި ކަނޑައެޅިފައިވާ ތަނުގެ ނުވަތަ ވަސީލަތުގެ ބޭރުން އަދި އެއްބަސްވުމުގައި ނެތް ހިދުމަތެއް ދިނުމަކީ އެ ފަރާތްތަކަށް ވެސް މަނާ ކަމެއް ކަމަށް އެމްއޭސީއެލްގެ ބަޔާނުގައިވެ އެވެ.
މީގެއިތުރުން ފަތުރުވެރިންނާއި އެއާޕޯޓު ބޭނުން ކުރާ އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި އެއާޕޯޓުގައި ދެވޭ ހިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަކީ އެމްއޭސީއެލްގެ ޒިންމާއެއް ކަމުގައިވާތީ ހުއްދަ ނެތި އެއާޕޯޓުގައި އެއްވެސް ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއް ފާހަގަ ކުރެވިއްޖެ ނަމަ، އެފަދަ ފަރާތްތަކާ މެދުގައި ގާނޫނާއި ގަވައިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
"މިފަދަ ފިޔަވަޅެއްގެ ސަބަބުން އެ ފަރާތްތަކަށް ލިބިގެންދާނެ ވިޔަފާރީގެ އެއްވެސް ގެއްލުމަކަށް މި ކުންފުނިން ޒިންމާ ނުނަގާނެ ވާހަކަ ވެސް ދަންނަވަމެވެ،" އެމްއޭސީއެލްގެ ބަޔާނުގައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

މިނިސްޓަރ ހައިދަރު، ބަންގްލަދޭޝްގެ ވަގުތީ ވެރިޔާއާ ބައްދަލުކުރައްވައިފި
10 ގަޑިއިރު ކުރިން

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ރައީސް އުފައްދަވައިފި
16 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފި
17 ގަޑިއިރު ކުރިން

ރުގްޔާ ކުރުމުގެ ނަމުގައި ޖިންސީ ގޯނާކުރި ބަޔަކު ޖަލަށް ލާން ހުކުމްކޮށްފި
18 ގަޑިއިރު ކުރިން


