logo

ހިމާޔަތްކޮށްފައިވަ ސަރަހައްދުތަކުން ވެލި ނެގުން ހުއްދަ ކުރާ އުސޫލެއް

profile

ޝުރުފާ މުހަންމަދު - 09 އޭޕްރީލު 2024 - 08:15

އެޗްޑީސީން ހިޔާ ސަރަހައްދު އަތިރިމަތި ސާފުކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން

އެޗްޑީސީން ހިޔާ ސަރަހައްދު އަތިރިމަތި ސާފުކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވަކި ޚާއްސަ ހުއްދައަކާއި އެކު ވެލި ނެގޭ ގޮތަށް ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ނުވަތަ އެންވަޔަރަމެންޓަލީ ސެންސެޓިވް އޭރިއާސްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން ވެލި ނެގުމަކީ އެ ގަވާއިދުގެ ދަށުން މަނާކަމެކެވެ. އެގޮތުން ފަރުގެ ބޭރުކައިރިން ފެށިގެން ރަށުގެ ގޮނޑުދޮށާ ދޭތެރޭ 100 މީޓަރުގެ ފަޅުގެ ތެރެއަށްވާ ސަރަހައްދާއި، އެއްވެސް ފަރެއްގެ ނުވަތަ ފަޅެއްގެ ބޭރުތޮށިން ފެށިގެން 500 މީޓަރު އެތެރެވަރި އަދި ފަޅުތެރޭގައި ރަށެއް އޮންނަ ނަމަ ރަށުގެ ހޭޅިފަށުން ފެށިގެން 50 މީޓަރު ފަޅުތެރޭގެ ސަރަހައްދުން ވެސް ވެކި ނެގުމަކީ މަނާ ކަމެކެވެ.

އެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން، ހިމާޔަތްކޮށްފައިވާ ސަރަހައްދަކާ 200 މީޓަރަށް ވުރެ ކައިރިން ބިން ހިއްކުމާއި ވެލިނެގުމަކީ މަނާކަމެކެވެ. އެކަމަކު ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތަކުގައި ވަކި އުސޫލެއްގެ މަތިން އެފަދަ ތަންތަނުން ވެސް ބިން ހިއްކުމުގެ ހުއްދަ ނުވަތަ ވެލި ނެގުމުގެ ހުއްދަ ދެވިދާނެއެވެ. އެގޮތަށް ހުއްދަ ދެވޭނީ އެމަޝްރޫއު ރާވާ ހިންގާ ފަރާތްތަކުން ހޯދަން ޖެހޭ ހުއްދަތައް ފުރިހަމަ ކުރުމަށް ފަހު ވަކި ޝަރުތުތަކެއް ހަމަވާ ނަމައެވެ.

އެންވާރަމަންޓް މިނިސްޓްރީން އާންމުކުރި މި ގަވާއިދުގައި، އެ ޝަރުތުތައް ވެސް ތަފްސީލާއި އެކު ބަޔާންކޮށްފައިވެއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ކަންތައްތަކުގެ ތެރޭގައި އެތަނެއްގައި ހުރި ދިރުންތަކާއި ނެތިފަނާވެދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކާބެހޭ ތަފުސީލީ ދިރާސާއެއް ހެދުން، އެތަނެއްގައި ހުރި ނެތިފަނާވެ ދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް އެފަދަ އެހެން ސަރަހައްދަކަށް ބަދަލުކޮށް، ދިރުވާ އާލާކޮށް މޮނިޓާ ކުރާނެ ގޮތުގެ ތަފުސީލީ ޕްލޭނެއް ހުށަހަޅާ އެ ޕްލޭން ފާސްކުރުން، އަދި އެ ތަނެއްގައި އެކުލެވޭ ގުދުރަތީ އަދި ތަބައީ ސިފަތައް ހިމެނޭ ގޮތަށް އެ ސަރަހައްދަށް ވުރެ ކުޑަނޫން ސަރަހައްދެއް ނުވަތަ ސަރަހައްދުތަކެއް ނުވަތަ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ މިންވަރަކަށް ކަނޑައަޅާ ތަނެއްގައި ނުވަތަ ތަންތަނުގައި ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހިމާޔަތްކޮށް މެނޭޖްކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން ވެސް ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319