logo

އަސްކަރީ އެއްބާރުލުމުގެ ނަމުގައި ބޭރުގެ ސިފައިން ޤާއިމްވެ ތިބެގެން ނުވާނެ: ޣައްސާން

profile

އަހުމަދު ޒަލީފު - 01 ޖޫން 2024 - 17:14

ޑިފެންސް މިނިސްޓަރ ޣައްސާން

ޑިފެންސް މިނިސްޓަރ ޣައްސާން

ދޭދޭ ޤައުމުތަކާއެކު ރާއްޖެއިން ދިފާޢީ ގުޅުން ޤާއިމްކުރިނަމަވެސް އެއްވެސް ޤައުމެއްގެ ސިފައިން ދާއީމީކޮށް ޤާއިމްވެ ތިބެން ދިވެހި ސަރުކާރުން ދެކޮޅުކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ސިންގަޕޫރުގެ އިންޓަނޭޝަނަލް އިންސްޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީސްގެ ފަރާތުން ބޭއްވި "ޝަންގްރިލާ ޑައިލޮގް 2024"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންގެ ވާހަކަފުޅުގައި، ރާއްޖޭގެ ސުލްހައާއި، ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަން ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަސާސީ އަސާސްތަކުގައި އެންމެ އިސްކަންދެއްވަނީ، ދިވެހިރާއްޖޭގެ އަމިއްލަ ދިފާއީ ބާރުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށާއި ދުނިޔެ ޤަބޫލުކުރާ މިންގަނޑުތައް ރާއްޖޭގެ ސަރަހައްދުގައި ކަށަވަރުކުރުންކަމަށެވެ. އެގޮތުން މިހާރުގެ ގުޅުންތައް ދެމެހެއްޓައި، އިތުރު ގުޅުތައް ޤާއިމްކުރެއްވުމަށްވެސް ރައީސް އިސްކަންދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ފެންވަރު ރަނގަޅު ކުރައްވާ، ކަނޑުގެ ޓެރަރިޒަމް އަމަލުތަކާއި، ނަހަމަގޮތުގައި ގާނޫނީ ވަޞީލަތްތައް ބޭނުންކުރުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރިކަމަކުން ސަލާމަތްވެ، ރައްކާތެރިވުމުގެ ޤާބިލުކަން އިތުރުކުރެއްވުމަށްވެސް ރައީސް އިސްކަންދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ އޮންނަ ސަރަޙައްދުގެ ގޮތުން، ބައިނަލްއަޤްވާމީ ޒިންމާތަކެއް އުފުލަންޖެހޭކަމަށާއި، އިންޑިއާ ކަނޑުގައި ވިޔަފާރީގެ ދަތުރުތައްކުރާ ފަރާތްތަކުގެ ރައްކާތެރިކުރުމުގެ ޒިންމާ ރާއްޖެއިން އުފުލަން ޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިފާއީ ވަޒީރުގެ ވާހަކަފުޅުގައި، ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް ދަތިކަމެއްގެ ގޮތުގައި ސިފަކުރައްވާ ވިދާޅުވީ، ރާއްޖެފަދަ ކުދި ޤައުމުތަކުން، މިނިވަންކަމުގެ އެންމެ ބޮޑު ޔަގީންކަމެއްގެ ގޮތުގައި ބަލާފައިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތައް ކަމަށެވެ. ނަމަވެސް ބައެއްޤައުމުތަކުން އެ އަގު ކުރުންތައް ދޫކޮށްލުމަކީ ކުދި ޤައުމުތަކުގެ ރައްކާތެރިކަމާއި ސަލާމަތަށް އޮތް ގޮންޖެހުމެއްގެގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުދި ޤަައުމުތަކުން ހަރުދަނާ ގުޅުންތައްކެއް އުފައްދަންޖެހޭކަމަށް ޣައްސާން ވިދާޅުވިއެވެ. އެއީ ކުދި ޤައުމުތަކާއި، ކުދި ޤައުމުތަކުގެ ބޭރުންވެސް އުފައްދަން ޖެހޭ ގުޅުންތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިފާޢީ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގައި ދިފާޢީ ޤާބިލުކަން އިތުރުކޮށް ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިސްކަންދެއްވާކަމަށެވެ. އަދި ދިފާޢީ ގުޅުންތައް ވަރުގަދަކުރިނަމަވެސް އެއްވެސް މާނައެއްގައި ދިވެހި ބިމުގައި ބޭރުގެ ސިފައިން ޤާއިމްވެ ތިބުމަށް ދިވެހި ސަރުކާރުން ބޭނުން ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބިމުގައި ދާއިމީ ގޮތެއްގައި ބޭރުގެ އަސްކަރީ ޙާޒިރީއެއް ބޭނުމެއްނުވޭ އަދި ނުވެސްވާނެ. އަޅުގަނޑުމެންގެ އުންމީދަކީ، ރައްޔިތުންގެ މި ޑިމޮކްރެޓިކް ނިންމުމަށް އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކުން އިޙްތިރާމް ކުރެއްވުން" ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.

ދިފާއީ ވަޒީރު ޣައްސާން މައުމޫން ބައިވެރިވެވަޑައިގަންނަވާ، އައިއައިއެސްއެސް ޝަންގްރިއްލާ ޑައިލޮގަކީ އޭޝިއާގެ ޕްރިމިއާ ޑިފެންސް ސަމިޓެކެވެ. އެއީ މި ސަރަޙައްދުގެ އެންމެ ބޮޑު ސަލާމަތީ ގޮންޖެހުންތަކާ މެދު ވަޒީރުން ބަހުސްކޮށް، ޤައުމުތަކުގެ މުހިންމު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެކެވެ. މިއަހަރުގެ މި ބައްދަލުވުން ކުރިއަށްދަނީ 31 މެއި–2 ޖޫންއަށް ސިންގަޕޫރުގައެވެ.

tel:+9607331319