logo

ސަމާލުވޭ! ގެދޮރުވެރިޔާ ސްކީމާ ގުޅުވައި ފިޝިން ލިންކުތަކެއް ދައުރުކުރަނީ

profile

ޝާމާ ޝުޢައިބު - 25 އޮކްޓޯބަރު 2024 - 22:40

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ‘އަމާން’ ހައުސިން މަޝްރޫއުގެ  ދަށުން އަޅަމުންދާ ފްލެޓުތަކެއް (ފޮޓޯ/ ދައުރު)

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ‘އަމާން’ ހައުސިން މަޝްރޫއުގެ ދަށުން އަޅަމުންދާ ފްލެޓުތަކެއް (ފޮޓޯ/ ދައުރު)

ގެދޮރުވެރިޔާ ސްކީމާ ގުޅުވައިގެން ހަދާފައިވާ ފިޝިން ލިންކުތަކެއް ދައުރުވަމުންދާތީ، މިކަމަށް ސަމާލުވެ ރައްކާތެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާށްކޮށްފިއެވެ،

ފުލުހުން މީޑިއާތަކަށް ބުނީ މި ލިންކަކީ "ގެދޮރުވެރިޔާ ސްކީމުން ފްލެޓުތަކަށް ފޯމުލުމުގެ ފުރުސަތު އެޗް.ޑީ.ސީ.އިން އަލުން ހުޅުވާލިކަމަށާއި ވެބްސައިޓުން ލިބެންހުންނާނެ" ކަމަށް ބުނެ ސައްހަނޫން މައުލޫމާތު ހިމެނޭ މެސެޖަކާއެކު ދައުރުކުރަމުންދާ ލިންކެއް ކަމަށެވެ.

މީގެ ކުރިންވެސް މިފަދަ ލިންކުތައް އެކި ދުވަސްވަރު ދައުރުވެ، ގިނަ އަދަދެއްގެ ބަޔަކު މިފަދަ ލިންކުތަކުގެ ޝިކާރައަކަށް ވެފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ ހާއްސަކޮށް ގެދޮރުވެރިޔާ ސްކީމުން ބޯހިޔާވަހިކަން ލިބޭ މީހުންގެ މައުލޫމާތު އާންމުކުރުމަށް ދައުލަތުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި މިފަދަ ލިންކުތަކަށް ކްލިކްކުރާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން، ގެދޮރުވެރިޔާ ސްކީމާ ގުޅޭ މައުލޫމާތު ހޯދުމުގައި ދައުލަތުގެ ރަސްމީ ޕޯޓަލްތަކުން މައުލޫމާތު ޗެކްކުރެއްވުމަށް ސަމާލުކަން ދިނުމަށާ ސޯޝަލް މީޑިއާ ގްރޫޕެއްގައި މިފަދަ ލިންކެއް ދައުރުވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ އީމެއިލަށް އެންގުމަށް އެދޭ ކަމަށެވެ.

އޭގެ އިތުރުން، ޝައްކުކުރެވޭ މިފަދަ ލިންކެއް ލިބިއްޖެނަމަ އެ އިތުރަށް ފޯވަރޑްކޮށް ޝެއަރ ނުކުރުމަށާއި ސްކޭމުން ރައްކާތެރިވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް އެދޭ ކަމަށްވެސް ވެސް ބުނެފައިވެއެވެ.

ރާއްޖޭގައި ސްކޭމް މައްސަލަތައް އިތުރުވަމުން އަންނަ އިރު، ވޭތުވެދިޔަ އަހަރު ސްކޭމާ ގުޅުންހުރި 1,661 މައްސަލަ ރިޕޯޓުކުރެވިފައި ވާއިރު، އޭގެ ޖުމްލަ އަގު 20 މިލިއަން ރުފިޔާއަށް އަރައެވެ. އަދި މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް 1,302 ސްކޭމްގެ މައްސަލަ ރިޕޯޓުކުރެވިފައިވާކަން ފުލުހުން ކުރިން ހާމަކޮށްފައި ވެއެވެ.

ސްކޭމް މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ވަރަށް އަވަހަށް ސްކޭމް ސެންޓަރެއް ހުޅުވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދަނީ ދާދިފަހުން ވިދާޅުވެފައެވެ.

އެކި ވިޔަފާރިތަކާއި ކުންފުނިތަކާ އަދި ތަފާތު އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ހުށަހެޅޭ އަދަދު އިތުރުވެ އެކި ޕްލެޓްފޯމްތަކުގައި ފުލުހުން އަންނަނީ މިކަމަށް ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކުރަމުންނެވެ. މަކަރާއި ހީލަތުން ފައިސާ ހޯދުމަށްޓަކައި ފޭސްބުކް، އިންސްޓަގްރާމް ނުވަތަ މިނޫނަސް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ޕޭޖުތައް ހަދައި ޕޯސްޓުތައްވެސް ދަނީ ޝެއާކުރަމުންނެވެ. ދި އެކި ކަހަލަ މުދާ އޮންލައިންކޮށް ވިއްކުމުގައިވެސް މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް ހުށަހަޅަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ދާދިފަހުން ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ އަށް މަސް ތެރޭގައި އެކަނި ވެސް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވަރކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ހުރިހާ ފައިސާ އަކީ ވެސް ސްކޭމް މެދުވެރިކޮށް މީހުން ފޭރިފައިވާ ފައިސާ ކަމަށް ފުލުހުން އޭރު މައުލޫމާތު ދީފައި ވެއެވެ.

https://int.etukuri.mv/
tel:+9607331319