
ސިނަމާލެ ބްރިޖަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަނީ

މުޙައްމަދު ފަޟްލޫން - 11 ސެޕްޓެމްބަރު 2026 - 08:37
އޮޔާދިޔަ ދެ ބޯޓެއް ސިނަމާލެ ބުރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާއާ ގުޅިގެން، ބުރިޖަށް ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ހާއްސަ އިންސްޕެކްޝަނެއް ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފިއެވެ.
ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ބުރިޖުގެ މައި ތަނބެއްގައި ޖެހިފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުއްޓައި މޫސުން ގޯސްވެ ނަގިލި ކަހާލައިގެން އޮޔާދިޔަ ތެޔޮ އުފުލާ ދެ ދަގަނޑު ބޯޓެވެ. މާލޭގެ އިރުމަތީ ފަރާތުން އޮޔާދިޔަ މި ދެ އުޅަނދު ގޮސް ޖެހިފައިވަނީ ބުރިޖުގެ ސްޕަރސްޓްރަކްޗަރގެ މައި ތަނބެއްގައެވެ.
މި ހާދިސާއާ ގުޅިގެން، ރޭގެ ވަގުތުން ފެށިގެން އެ ސަރަޙައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ތަފްސީލީ އެސެސްމަންޓްތަކަށްފަހު އިތުރު މަޢުލޫމާތު ހާމަކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އިންސްޕެކްޝަން ކުރިއަށް ގެންދަނީ ސިނާމާލެ ބުރިޖު ޢިމާރާތްކުރި ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކުންފުނީގެ ފަންނީ މާހިރުންގެ ބައިވެރިވުމާއެކުގައެވެ.
ބުރިޖުގެ މަސައްކަތް ނިމުނު ފަހުންވެސް އޭގެ ބެލެހެއްޓުމާއި މަރާމާތުގެ ކަންކަން ކުރިއަށް ގެންދަނީ އެ ކުންފުނީގެ އެހީތެރިކަމާ އެކުގައެވެ.
200 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރި 1.4 ކިލޯމީޓަރުގެ ދިގު ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ.
މި ބުރިޖު ބިނާކޮށްފައިވަނީ ކަނޑުގައި 7 ތަނބު ޖަހައިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

މާލީ މުސްތަޤްބަލާއި ޕެންޝަނަށް ޒުވާނުން އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
22 މިނިޓު ކުރިން

ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ ޢިލްމު އުނގެނުމުގައި ދެމިތިބުމަށް، ނައިބު ރައީސްގެ އިލްތިމާސް!
ގަޑިއިރެއް ކުރިން

ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެވަޑައިގަންނަވަނީ
2 ގަޑިއިރު ކުރިން

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި
2 ގަޑިއިރު ކުރިން


