
މާލީ މުސްތަޤްބަލާއި ޕެންޝަނަށް ޒުވާނުން އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި

އާމިނަތު ޝަޒްލާ - 11 ސެޕްޓެމްބަރު 2026 - 09:05
މާލީ މުސްތަޤުބަލު ހަރުދަނާކުރުމަށާއި، ރިޓަޔަރމަންޓް ޕެންޝަންގެ ފުރުޞަތުތަކާ ގުޅޭގޮތުން ޒުވާނުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.
"ފިއުޗަރ ފައުންޑޭޝަންސް"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގުޅިގެން އިންތިޒާމުކުރި ޕްރޮގްރާމެކެވެ.
މި ސެޝަންގައި 19 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެފައިވާއިރު، މިއީ މައިގަނޑު ގޮތެއްގައި ވަޒީފާގެ ބާޒާރަށް ނުކުންނަން ތައްޔާރުވަމުންދާ ފަރާތްތަކަށާއި، އަލަށް ވަޒީފާގެ މާހައުލާ ގުޅުނު ޒުވާނުންނަށް އަމާޒުކޮށްގެން ފަރުމާކުރެވުނު ޕްރޮގްރާމެކެވެ.
މި ސެޝަންގެ މައިގަނޑު ބޭނުމަކީ ޒުވާން އުމުރުގައި ހަރުދަނާ ގޮތެއްގައި މުސްތަޤުބަލު ބިނާކުރުމަށް ބޭނުންވާ ޢަމަލީ މަޢުލޫމާތާއި، މާލީ ހޭލުންތެރިކަން އަދި ދުޅަހެޔޮ އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން އުނގަންނައިދިނުމެވެ.
ސެޝަންގެ ތެރެއިން "ސެކިއަރ ޓުމޯރޯ: އަންޑަސްޓޭންޑިންގ ޕާސަނަލް ފައިނޭންސް އެންޑް ޕްލޭނިންގ އަހެޑް" ސުރުޚީގެ ދަށުން ކުރިއަށްގެންދިޔަ ބައިގައި، މާލީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، ބަޖެޓް އެކުލަވައިލުމާއި، ކްރެޑިޓާއި ދަރަނި މެނޭޖްކުރުމުގެ އިތުރުން ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ކޮމްޕައުންޑް އިންޓްރެސްޓް މެދުވެރިކޮށް ފައިސާ އިތުރުކުރެވޭނެ ގޮތްތަކާއި، މާލީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކުގެ މަޢުލޫމާތު ވެސް ވަނީ ޙިއްޞާކޮށްފައެވެ.
ހަމައެއާއެކު، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އާ ގުޅޭ އަސާސީ މަޢުލޫމާތު ފޯރުކޮށްދެމުން، މުސްތަޤުބަލުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވީހާވެސް ޅަފަތުގެ އުމުރުގައި ޕެންޝަނަށް ތައްޔާރުވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.
މި ސެޝަންގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކުރިއަށްގެންދިޔަ ބައިގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ދުޅަހެޔޮ އަދި ހަރުދަނާ ގުޅުންތައް ދެމެހެއްޓުމާއި، އުފެއްދުންތެރި މުޢާމަލާތުކުރުމުގެ އުޞޫލުތަކާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ އަގުތަކުގެ މައްޗަށެވެ.
އަދި ހަރުދަނާ އިޖުތިމާޢީ ވެއްޓެއް ބިނާކުރުމަށާއި، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ޒިންމާދާރު ނިންމުންތައް ނިންމުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް ބައިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިނަމާލެ ބްރިޖަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަނީ
ގަޑިއިރެއް ކުރިން

ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ ޢިލްމު އުނގެނުމުގައި ދެމިތިބުމަށް، ނައިބު ރައީސްގެ އިލްތިމާސް!
ގަޑިއިރެއް ކުރިން

ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެވަޑައިގަންނަވަނީ
2 ގަޑިއިރު ކުރިން

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި
2 ގަޑިއިރު ކުރިން


