
ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެވަޑައިގަންނަވަނީ

މުޙައްމަދު ފަޟްލޫން - 11 ސެޕްޓެމްބަރު 2026 - 07:38
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދައުވަތުފުޅަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މި މަހުގެ 14 އިން 15 އަށް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ދަޢުވަތު އެމަނިކުފާނަށް އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ އިސް ލީޑަރުންގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްދާނެއެވެ.
މި ބައްދަލުވުންތަކުގައި ދޭދޭ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަގްވާމީ މަސްރަޙުގައި ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ފުޅާކުރެވިދާނެ އައު ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި، މުހިއްމު ދާއިރާތަކަކުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްވެސް މި ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން، ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ގެ އިތުރުން ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ވަކިވަކިން އެމަނިކުފާނުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނުތާ 58 އަހަރު ފުރިފައިވާއިރު، މިއީ ދެ ގައުމުގެ ސަރުކާރާއި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިވެ، ތަރައްގީގެ އެކި ދާއިރާތަކުންނާއި މަތީ ފަންތީގެ ގުޅުންތަކުގެ ތެރެއިން ދެމެހެއްޓެނިވި ގާތް ރަޙްމަތްތެރިކަމެއް ބިނާވެފައިވާ ދިގު މާޒީއެކެވެ.
ގުޅުން ހުރި ޙަބަރުތައް

މާލީ މުސްތަޤްބަލާއި ޕެންޝަނަށް ޒުވާނުން އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
20 މިނިޓު ކުރިން

ސިނަމާލެ ބްރިޖަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަނީ
ގަޑިއިރެއް ކުރިން

ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ ޢިލްމު އުނގެނުމުގައި ދެމިތިބުމަށް، ނައިބު ރައީސްގެ އިލްތިމާސް!
ގަޑިއިރެއް ކުރިން

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި
2 ގަޑިއިރު ކުރިން


