
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ފޮޓޯ: ތޭރަ އޮންލައިން
ރަސްމާލެ ވިއްކާލާ، ވިއްކާލުމަކީ އަނބުރާ އިޔާދަ ކުރެވޭނެ ކަމެއް ނޫން: ރައީސް ޔާމީން

އާމިނަތު ޝަޒްލާ - 23 އޮކްޓޯބަރު 2026 - 13:22
ސަރުކާރުން ރަސްމާލެ މަޝްރޫޢުގެ ދަށުން ބިންތައް ބޭރުގެ ކުންފުނިތަކަށް ވިއްކާލުމަކީ ހަގީގަތުގައި ދެން އަނބުރާ އިޔާދަކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ކުރީކޮޅު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްވި އިންޓަވިއުއަކަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އައުމަށް މަރުޙަބާ ކިޔާނެ ކަމަށް ރައީސް މުޢިއްޒު އެ އިންޓަވިއުގައި ކަނޑައެޅިގެން ވިދާޅުވެފައިވާ ކަމަށެވެ. އަދި އެއީ ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އެންމެހައި މުސްލިމުންނަށް ގޮންޖަހައި، ޔަހޫދީން ރާއްޖެ އައުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ދެއްކެވުމަށް ކުރެއްވި ކަމެއް ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެކަމުން ރެކުމަށްޓަކައި ރަސްމާލޭގައި އިސްރާއީލުގެ މީހުންނަށް ވަޒަންވެރިވިޔަ ނުދޭނެ ކަމަށް ސަރުކާރުން މިހާރު ބަހަނާ ދެއްކި ނަމަވެސް، މުޅި ތަން އެހެން ބަޔަކަށް ވިއްކާލުމުން ދެން އެތަނުގެ މައްޗަށް ދިވެހި ދައުލަތުގެ ބާރެއް ނުހިނގާނެ ކަމަށެވެ. އެގޮތުން، ހެންސްލީ ގްރޫޕާއި އީގަލް ހިލްސް އަދި އެ ފަރާތްތަކުން ގެންނަ ބަޔަކަށް ހުރިހާ ޕްރޮޕްރައިޓަރީ ރައިޓްސް (މިލްކުވެރިކަމުގެ ޙައްޤުތައް) ލިބިގެންދާނެ ކަމަށާއި، އޭގެ ފަހުން ރައީސް މުޢިއްޒު ނުވަތަ މިނިސްޓަރު މުއްޠަލިބު ވިދާޅުވިޔަސް އެތަނަށް ސަރުކާރުގެ ބާރެއް ނުހިނގާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމީހުން ރައީސް އޮފީހަކަށް ވެސް ބަލާލަން ނުޖެހޭނެ ކަމަށާއި މިއީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި މައްސަލައިގައި ދީނީ ޢިލްމުވެރިންގެ ޢަމަލުތައް ހުރި ގޮތާމެދު ވެސް ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ވިއްކުމަކީ ކަނޑައެޅިގެން ގޯސް ކަމެއް ކަމަށް ޢިލްމުވެރިންގެ ގުޅުމުން ވެސް ފުރަތަމަ ބުނެފައިވާ ކަމަށެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ޖަމްޢިއްޔަތުއްސަލަފްގެ ބޭފުޅުން ހިމެނޭހެން އޭގެ ތެރޭގައި އިސްކޮށް އުޅުއްވި ތިން ހަތަރު ބޭފުޅަކު އެ މަސައްކަތުން ވަކިވެގެން ދިޔައީ ސީދާ ރައީސް މުޢިއްޒުގެ އެންގެވުމަށް ކަމަށް ޤަބޫލުކުރެވޭ ކަމަށް ވިދާޅުވިއެވެ.
މިފަދަ ބޮޑެތި ދީނީ އަދި އިޢުތިޤާދީ މައްސަލަތަކުގައި ޢިލްމުވެރިން އެއްބަސްވެ ފަތުވާ ނެރުމަށްފަހު، އެ ބޭފުޅުންގެ މެދުގައި ބައިބައިވުން އުފެދިގެން ދިޔުމަކީ ދީނުގައި "ސީލް ބޯޑެއް" އެޅުވުން ފަދަ ކަމެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ. އަދި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ދީނީ ޢިލްމުވެރިންނާ މެދު ނުތަނަވަސްކަން އުފެދެނީ މިފަދަ ސަބަބުތަކާ ހުރެ ކަމަށް ވެސް ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޑިއުޓީ އެލަވަންސް ކުޑައެއް ނުކުރޭ: ސިއްހަތާއި ބެހޭ ވުޒާރާ
19 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫޢުގެ މައުލޫމާތު ދެފުށް ފެންނަ ގޮތެއްގައި ހާމަކުރަންޖެހޭ: ފައިސަލް ނަސީމް
20 ގަޑިއިރު ކުރިން
.jpg&w=3840&q=75)
މޫސުން ގޯސްވެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގެއްލުންވަމުންދާތީ ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި
20 ގަޑިއިރު ކުރިން

ދުސްތޫރު ބޮލާލައިޖަހާ ސަރުކާރުތަކަށް ރައްޔިތުން ވޯޓުން އަޑުއިއްވާނެ: މޭޔަރު އާޒިމް
20 ގަޑިއިރު ކުރިން


