
އިންތިހާބަށް ހޭލުންތެރިކުރުމަށް ޓިކްޓޮކް މުބާރާތެއް ބާއްވަން ނިންމައިފި

މުޙައްމަދު ފަޟްލޫން - 28 ޑިސެމްބަރު 2025 - 09:04
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ހޭލުންތެރިކުރުމަށް ޓިކްޓޮކް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެެއްގައި ބުނެފައިވަނީ އިންތިހާބަށް ހޭލުންތެރިކުރުމަށް ޓިކްޓޮކް މުބާރާތެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިއަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އޮންލައިންކޮށް ރަޖިސްޓްރީވާން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މި މުބާރާތުގައި 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އަމިއްލަ ގޮތުން ނުވަތަ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ.
އިންތިހާބުގައި މަސައްކަތްކުރާ އޮފިޝަލުންނަށް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެ ކަމަށްވެސް އީސީ އިން ވަނީ ބުނެފައެވެ.
ވީޑިއޯތައް ތައްޔާރުކުރަންޖެހެނީ 30 ސިކުންތާއި ދޮޅު މިނެޓާ ދެމެދުގެ ދިގުމިނަކަށް، ވަކި ސިޔާސީ ފިކުރަކަށް ތާއީދުނުކުރާ ގޮތަށެވެ.
މުބާރާތަށް ވީޑިއޯ ތައްޔާރުކުރެވޭނެ މައިގަނޑު ހަތަރު މައުޟޫއަކީ ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތަކާއި، އިންތިޚާބުގައި ވޯޓުލުމުގެ މުހިންމުކަމާއި، އިންތިޚާބެއްގެ ތެރޭގައި ކޮށްގެން ނުވާނެ ކަންކަމުގެ އިތުރުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމުކަމެވެ.
ކޮންމެ ބައިވެރިއަކަށް ވެސް ކޮންމެ މައުޟޫއަކަށް އެއް ވީޑިއޯ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މުބާރާތުގެ ވީޑިއޯތައް އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހަޅަންޖެހޭއިރު، އެންމެ މޮޅު ތިން ވީޑިއޯއަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއްވަނައަށް 5,000 ރުފިޔާ، ދެވަނައަށް 3,000 ރުފިޔާ އަދި ތިންވަނައަށް 2,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށެވެ.
ގުޅުން ހުރި ޙަބަރުތައް

އިތުރު ހިދުމަތްތަކާއެކު ހައްޖު ކޯޕަރޭޝަނުން އައު ވެބްސައިޓް އިފްތިތާހްކޮށްފޮ
2 ގަޑިއިރު ކުރިން

ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދަށް!
5 ގަޑިއިރު ކުރިން

އާޚިރަތް ދުވަހުގެ އިމްތިޙާނަށް ތައްޔާރުވުމަށް ޚުތުބާގައި ގޮވާލައިފި
5 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން


