
އަންހެނުންނަކީ މުޖުތަމަޢަށް މަގުދައްކާދޭ، ނަމޫނާ ލީޑަރުން: މެޑަމް ސާޖިދާ

ޝަހްޒާ މުޙައްމަދު - 08 މާރިޗު 2026 - 15:23
ކަނބަލުންނަކީ މުޖުތަމަޢަށް މަގުދައްކާދޭ، ނަމޫނާ ލީޑަރުންތަކެއް ކަމަށާއި، ކޮންމެ އަންހެނަކަށާއި އަންހެން ކުއްޖަކަށް އިންސާނީ ކަރާމާތާއި، ހަމަހަމަ ފުރުޞަތުތަކާއި، އިންޞާފު ކަށަވަރު ކޮށްދިނުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފަސްޓްލޭޑީ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ފޮނުވައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި އަންހެނުންގެ ހިތްވަރާއި، ޙިކުމަތްތެރިކަމާއި، އޯގާތެރިކަމުގެ އަގު ވަޒަންކޮށް އިޚްލާޞްތެރިކަމާއެކު އެކަން ފާހަގަކުރާ ކަމަށެވެ. އެގޮތުން އަންހެނުންނަކީ އާއިލާތައް ބާރުވެރި ކުރުވައި، މުޖުތަމަޢަށް މަގުދައްކައި، ޤައުމަށް އުއްމީދު ދިރުވައިދޭ މައިންނާއި، ދަރިންނާއި، އުޚުތުންގެ އިތުރުން ނަމޫނާ ލީޑަރުންތަކެއް ކަަމަށެވެ. އަދި ކަނބަލުންގެ ވިސްނުމާއި ފިކުރަކީ، މުސްތަޤްބަލު ބައްޓަން ކުރުމުގެ މައިގަނޑު އަސާސް ކަމުގައި މެޑަމް ވިދާޅުވިއެވެ
މެޑަމް ސާޖިދާ ވިދާޅުވީ، ކޮންމެ އަންހެނަކަށާއި އަންހެން ކުއްޖަކަށް އިންސާނީ ކަރާމާތާއި، ހަމަހަމަ ފުރުޞަތުތަކާއި، އިންޞާފު ކަށަވަރު ކޮށްދިނުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެންމެންގެ އަމާޒަކަށް ވާންވީ، އިންސާނާގެ ހުވަފެންތަކަކީ ވަކި ޖިންސަކަށް ވީތީ ހަނިކުރެވޭ އެއްޗަކަށް ހެދުމުގެ ބަދަލުގައި، އަދުލުވެރި ކަމާއި އިޙްތިރާމާއެކު އެ ހުވަފެންތަކުގައި ކުލަޖެއްސުމަށް މަގުފަހިވެފައިވާ މުޖުތަމަޢެއް ބިނާކުރުން ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.


.webp&w=3840&q=75)



.gif&w=3840&q=75)