
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސިނާން
މެމްބަރު ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

މުޙައްމަދު ފަޟްލޫން - 12 އޭޕްރީލު 2026 - 09:27
ރައްޔިތުންގެ މަޖިލީހުގެ ދާއިރާގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުއްވީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސިނާންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ގާލިބް ސަލީމެވެ.
ސިނާންގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މައްސަލަ ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިޔަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ފައިސާ ނުދައްކާތީކަމަށެވެ.
މި މައްސަލައިގެ ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގައި ބެންޗުގެ ރިޔާސަތު ބެެލެހެއްޓެވީ އައިޝާ ޝުޖޫން މުޙައްމަދެވެ.
ފަނޑިޔާރު ޝުޖޫންގެ ރަޢުޔުގައި ވިދާޅުވީ ސިނާންގެ މައްޗަށް ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރަން ނުވަތަ ބާތިލްކުރަން އޭނާގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ.
އަދި އެ ހުކުމަކީ ޣައިރު ހާޒިރުގައި ކުރި ހުކުމަކަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫންކަމަށް ސިނާން ވިދާޅުވިނަމަވެސް އެކަމުގައި ބުރަދަނެއް ނުދެވޭ ކަމަށް ފަނޑިޔާު ޝުޖޫން ވިދާޅުވިއެވެ.
ލޯނުގެ ފައިސާ، 6 މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމްކޮށްފައިވާއިރު، ހުކުމުގައި ބުނެފައިވާ ގޮތުގެ މަތިން ސިނާންގެ ފަރާތުން ފައިސާ ދައްކާފައިނުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
ލޯނަށް ދައްކަންޖެހޭ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ފަރާތުން ވިދާޅުވި ނަމަވެސް، އެކަން ދުރާލާ ސިނާނަށް އަންގާފައިވާކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ މައްސަލައިގެ ކަންކަމަށް ރިއާޔަތްކޮށް ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
ފަނޑިޔާރު ޝުޖޫންގެ މި ނިންމެވުމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ފަނޑިޔާރުން ވަނީ ތާޢީދު ކުރައްވާފައެވެ. ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔާރު ޝުޖޫންގެ އިތުރުން ހިމެނިވަޑައިގެންނެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ފަނޑިޔާރުންގެ ބެންޗްގައި ހިމެނި ވަޑައިގަންނަވާ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ވަނީ ހުކުމް އިއްވާފައެވެ.
މަޖިލިސް މެމްބަރުންގެ ކިބައިގައި ހުރުން ލާޒިމްވާ ޝަރުތުތަކުގެ ތެރޭގައި ސާބިތު ދަރަންޏެއް ދައްކަންޖެހޭ ފަރާތެއް ކަމުގައި ނުވުން ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ނ އަތޮޅު ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ގަޑިއިރެއް ކުރިން

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުން ފަރުހަތު އިސްތިއުފާ ދެއްވައިފި
ގަޑިއިރެއް ކުރިން

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި: އައިޖީއެމްއެޗް
3 ގަޑިއިރު ކުރިން

ވަޅިއެއް ގެންގުޅުނު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)