logo
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން.

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން.

ޕްރެޒިޑެންޓްސް ކަޕް: ނިއު ކަޓުވާލުމަށްފަހު މާޒިޔާ ފައިނަލުން ޖާގަ ހޯދައިފި

profile

ހަސަން ޝަމްއޫން - 20 ފެބްރުއަރީ 2026 - 23:25

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ސެމީފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ނިއުރޭޑިއަންޓް ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 5-6 ގެ ނަތީޖާއަކުން މޮޅުވެ މާޒިޔާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

https://wamco.com.mv/

މުބާރާތުގެ ސެމީފައިނަލުން މާޒިޔާ ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާއެކު ގުރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ނިއުރޭޑިއަންޓް ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދޮ ހަތަރު ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް އެކެއްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މާޒިޔާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމް (ފަތޯ) އެވެ. މިއީ އެޓީމުގެ މުހައްމަދު އިލާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މާޒިޔާ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ފަތޯ އެވެ. މިއީ އެޓީމުގެ ހަސަން ނަޒީމް (ޗޯޓު) ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ނިއުރޭޑިއަންޓުން ފެށީ ބަދަލަކާއެކުގައެެވެ. އެގޮތުން ރާއިފް އަހުމަދު (ހަންނަ)ގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) ކުޅެން ނުކުތްއިރު، ދެވަނަ ހާފުގެ ފަސްވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިއުގެ ނައިޖީރިއާ ފޯވާޑް، އަލް ހާޖީ ގޭރޯ އެވެ

ނިއުރޭޑިއަންޑުން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގް އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗު ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗުގެ ނަތީޖާނެރުމަށް ޖެހި ޕެނަލްޓީގައި މާޒިޔާގެ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، ނިއުރޭޑިއަންޓްގެ ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ. އެގޮތުން ނިއުގެ ސިއެރަ ލިއޯންގެ މިޑްފީލްޑަރު، ޔާޔާ ބިލިޓީ އަދި އަލީ އަޝްފާގު ކުރިއަށް ފޮނުވާލި ދެ ޕެނަލްޓީ މާޒިޔާގެ ކީޕަރު ހުސެއިން ދިފާއިކުރިއިރު، މާޒިޔާގެ އައިސަމް ކުރިއަށް ފޮނުވާލި ޕެނަލްޓީ ވަނީ ކާމިޔާބުކުރެވޭގޮތް ނުވެފައެވެ.

އަންނަ އަންގާރަ ދުވަހުގެ ރޭ ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި، މާޒިޔާ އިން ވާދަކުރަން ޖެހޭނީ މާދަމާ ރޭ ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk