
ޝިޔާމް އަށް ފުލުހުންގެ ވަޒީފާ އަލުން އިއާދަ ކުރަން އަމުރުކޮށްފި

މުޙައްމަދު ފަޟްލޫން - 16 އޭޕްރީލު 2026 - 10:59
ފުލުހުންގެ ވަޒީފާއިން ވަކިކުރިތާ 12 އަހަރު ފަހުން، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމަށް އަލުން ވަޒީފާ ދިނުމަށް ހައިކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރަކަށް ހުންނަވަނިކޮށް، މަޤާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތުގައި ޝިޔާމް ވަޒީފާއިން ވަކިކުރީ 2012 ވަނަ އަހަރުގައެވެ. މި މައްސަލަ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ނިންމާފައިވަނީ އޭނާއަށް އަލުން ވަޒީފާ ދޭންޖެހޭނެ ފަދަ ސަބަބެއް ނެތް ކަމަށެވެ.
ނަމަވެސް، އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ކުރި ޙުކުމުގައި ބަޔާންކޮށްފައިވަނީ، ޝިޔާމް ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމިއިރު ރިޢާޔަތްކުރި ހެކިތަކަކީ ކޮބައިކަން ދައުލަތަށް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެކަށީގެންވާ މިންވަރަށް ތަޙުޤީޤެއް ހިންގާފައިވާކަން ދައުލަތަށް ބުނެދެވިފައި ނުވާކަންވެސް ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.
ހައިކޯޓުގެ ޙުކުމުގައި އިތުރަށް ބުނެފައިވަނީ، ވަޒީފާއިން ވަކިކުރީ މަޤުބޫލު ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމުގެ ޒިންމާ އޮންނާނީ ވަޒީފާދޭ ފަރާތަށް ނުވަތަ ދައުލަތަށް ކަމަށެވެ. އަދި ފުލުހުންގެ ވަޒީފާއާ ގުޅޭ މައްސަލަތަކުގައި ކޯޓުން ބަލަންޖެހޭނީ ޑިސިޕްލިނަރީ ބޯޑުން އެކަށީގެންވާ ތަޙުޤީޤެއް ހިންގައި، ބޭނުންވާ މިންވަރަށް ހެކި ހޯދާފައިވޭތޯ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާ ހަވާލާދީ ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، އެކަން ސާބިތުކޮށްދެވޭނެ އެކަށީގެންވާ ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނުވާތީ، ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ބާތިލުކުރަންޖެހޭ ކަމަށް އެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، ޝިޔާމަށް އަލުން ވަޒީފާ އިއާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އަލުން ވަޒީފާ ހަމަޖެހުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި އަމުރުކޮށްފައިވެއެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ޝަނީޒެވެ.
ގުޅުން ހުރި ޙަބަރުތައް
ފޭސް 2ގަި ބިނާ ކުރާ ދެ މިސްކިތުގެ ބޮޑުބައި ނިންމާލައިފި
6 ގަޑިއިރު ކުރިން
ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް ގާޢިމްކޮށްފި
6 ގަޑިއިރު ކުރިން

ހިތަދޫ އުތުރު ދާއިރާގައި ވޯޓްލުމުގެ ހައްގު 4،114 މީހަކަށް ލިބިގެންވޭ: އިލެކްޝަންސް ކޮމިޝަން
9 ގަޑިއިރު ކުރިން

ރާއްޖެއަށް 50 ޓަނުގެ ކަދުރު ސައުދީން ހަދިޔާކޮށްފި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)