
ރާއްޖެއަށް 50 ޓަނުގެ ކަދުރު ސައުދީން ހަދިޔާކޮށްފި

އައިމިނަތު ޒައިބާ - 16 އޭޕްރީލު 2026 - 09:41
ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރައްވައިފިއެވެ.
މި ކަދުރު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ރަސްމީކޮށް ޙަވާލުކުރެއްވުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ.
މި ރަސްމިއްޔާތުގައި ސައުދީ ޢަރަބިއްޔާގެ ފަރާތުން ކަދުރު ޙަވާލުކޮށްދެއްވީ، އެޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. އަދި އެ ވުޒާރާގެ ފަރާތުން ކަދުރާއި ޙަވާލުވެލެއްވީ، ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ރާއްޖެއަށް ކަދުރު ހަދިޔާ ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވަނީ، ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން 2004 ވަނަ އަހަރު މި އެހީ ތަޢާރަފްކުރި ހިސާބުން ފެށިގެން މިވީ 22 އަހަރުގެ ތެރޭގައި ރާއްޖެއަށް މެދުކެނޑުމެއް ނެތި ކަދުރު ހަދިޔާކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ސައުދި ޢަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ދައްކުވައިދޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވަނީ، ސައުދި ޢަރަބއިްޔާ ސަރުކާރާއި ރާއްޖޭގައި ހުންނަ އެޤައުމުގެ އެމްބަސީން ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
ސައުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއަށް 10 ޓަނުގެ ކަދުރު ހަދިޔާ ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ވުޒާރާގެ ފަރާތުން ވަނީ، ކަދުރުތައް އެކި ދާއިރާތަކަށް ހަދިޔާ ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޝިޔާމް އަށް ފުލުހުންގެ ވަޒީފާ އަލުން އިއާދަ ކުރަން އަމުރުކޮށްފި
9 ގަޑިއިރު ކުރިން

މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި
12 ގަޑިއިރު ކުރިން

ސަރުކާރު ޖަވާބުދާރީ ކުރުމުގައި މަޖިލިސްގެ ދައުރު މުހިއްމު: އަބްދުއްރަހީމް
12 ގަޑިއިރު ކުރިން

ޑިފެންސް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް އަށް ރައީސް ބަދަލުކުރައްވައިފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)