logo

މިސްޓަރ ޕޮލިސްއަށް ސީނިއަރ ސާޖަންޓް މިރާޙް ޢަބްދުﷲ

profile

އައިޝަތު އިނާޝާ - 22 އޮކްޓޯބަރު 2024 - 17:58

ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

ޕޮލިސް ކުލަބާއި ބޮޑީބިލްޑިންގ އެސޯޝިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އާއި ގުޅިގެން ފުލުހުންނަށް ހުޅުވާލައިގެން ބޭއްވި ފުލުހުންގެ ފުރަތަމަ ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގެ މިސްޓަރ ޕޮލިސްގެ މަގާމު ސީނިއަރ ސާޖަންޓް މިރާޙް ޢަބްދުﷲ ހޯދައިފިއެވެ.

އިސްކަންދަރު ކޮށީގައި ރޭ ބޭއްވި މުބާރާތުގައި މިސްޓަރ ޕޮލިސްގެ މަގާމު ހޯދި މިރާޙް ޢަބްދުﷲ ވަނީ މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 180 ސެންޓިމީޓަރު ކެޓަގަރީންވެސް އެއް ވަނަ ހޯދާފައެވެ. މިކެޓަގަރީން ދެވަނައަށް ހޮވުނީ ސީނިއަރ ސާޖަންޓް އިނާޒް ޔޫސުފްއެވެ. އަދި ތިންވަނައަށް ހޮވުނީ ސަބް އިންސްޕެކްޓަރ ޢަލީ އަމަންއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެން ޓެކްނޯލޮޖީ ޢަލީ އިޙްސާންއެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަ ރުޙާދު ފިކުރީ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ ރައީސް އާއި އެއެސޯސިއޭޝަންގެ އިސްވެރިންނާއި ފުލުހުންނާއި މުބާރާތުގައި ވާދަކުރި ފުލުހުންގެ އާއިލާ މެމްބަރުން ބައިވެރިވެލެއްވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ ބޮޑީބިލްޑިންގ ދާއިރާއިން ރަންވަނަތަކެއް ހާސިލްކޮށް، ގައުމަށާއި މުއައްސަސާއަށް ރީތިނަން ހޯދައިދީފައިވާތީ އެކަމަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު މޫސާ އާއި ކޮންސްޓަބަލް އަޒްނީން ރަޝާދު އަށް ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި މިސްޓަރ ޕޮލިސް މުބާރާތް ބޭއްވުމުގައި އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ފިލާ ދީފައިވެއެވެ.

އެލިޔާ އިންވެސްޓްމަންޓް އިން ޓައިޓްލް ސްޕޮންސަރ ކޮށްފައިވާ "ޔަމަހާ މިސްޓަރ ޕޮލިސް" ގައި ހަތަރު ކެޓަގަރީއަކުން ފުލުހުން ވާދަކޮށްފައިވެއެވެ. އެގޮތުން ވާދަކޮށްފައިވާ ކެޓަގަރީ ތަކަކީ މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 165 ސެންޓިމީޓަރު، މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 170 ސެންޓިމީޓަރު، މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 175 ސެންޓިމީޓަރު އަދި މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 180 ސެންޓިމީޓަރެވެ.

ފޮޓޯ: ޕޮލިސް

މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 165 ސެންޓިމީޓަރު ކެޓަގަރީން އެއްވަނަ ހޯދީ ޢަބްދުލް ރަޙްމާން މިޖާދުއެވެ. މި ކެޓަގަރީން ދެވަނަ ސީނިއަރ ސާޖަންޓް މުޙައްމަދު އަޒާމް ހޯދިއިރު ތިން ވަނަ އަށް ހޮވުނީ ސާޖަންޓް މުޖުތަބާ މުޙައްމަދު އެވެ. މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 170 ސެންޓިމީޓަރ ކެޓަގަރީން އެއްވަނަ ހޯދީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ކާމިލް އެވެ. މި ކެޓަރީން ދެވަނަ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ރަޝީދު ހޮވުނުއިރު ތިން ވަނައަށް ހޮވުނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޖުވަދު އަޝްރަފްއެވެ.

މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 175 ސެންޓިމީޓަރު ކެޓަރީ ކާމިޔާބުކުރީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝާހިދުއެވެ. މި ކެޓަރީން ދެވަނައަށް ސީނިއަރ ސާޖަންޓް މުޙައްމަދު އަޒްމީލް ހޮވުނުއިރު، ތިން ވަނައަށް ހޮވުނީ ކޮންސްޓަބަލް ހުމައިދު ޢަލީއެވެ.

ފުލުހުންގެ ފުރަތަމަ ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގެ މިސްޓަރ ޕޮލިސްގެ މަގާމަށް ހާސިލްކުރި މިރާޙް އަށްވަނީ އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ހުށަހަޅާފައިވާ "ޔަމަހާ އެންމެކްސް 155" ގެ ސައިކަލެއް އިނާމުގެ ގޮތުގައި ލިބިފައެވެ. އަދި ބްލޭޒް ފިޓްނަސް ސެންޓަރުގެ ފަރާތުން ވަނީ ދެ އަހަރު ދުވަހުގެ ބްރޭންޑް އެމްބެސެޑަރުކަމާއެކު ޖިމް އޯލް އެކްސެސްގެ އިތުރުން އެޕަޓައިޓްގެ ފަރާތުން ތިން އަހަރުގެ ދުވަހުގެ ޑިސްކައުންޓް ކާޑެއް ހާދިޔާގެ ގޮތުގައި ދީފައިވެއެވެ. މި މުބާރާތުގައި ކެޓަގަރީތަކުން ވަނަތަކަށް ހޮވުނު އެތުލީޓުންނަށް ވަނީ ފައިސާގެ އިނާމާއި ގިފްޓް ވައުޗަރ ހަދިޔާގެ ގޮތުގައި ދީފައެވެ.

ފުލުހުންގެ ފުރަތަމަ ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގެ މިއަހަރުގެ މުބާރާތުގައި ހަތަރު ކެޓަރީގައި 12 ފުލުހުން ވާދަކޮށްފައިވެއެވެ. އަދި މި މުބާރާތް އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަންނަ އަހަރުގެ މުބާރާތް ޖުލައި 4 ވަނަ ދުވަހު ބާއްވާނެކަމަށް ޕޮލިސް ކުލަބުގެ ރައީސް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދު ވަނީ ރޭގެ ރަސްމިއްޔާތުގައި އިއުލާނު ކުރައްވާފައެވެ.

https://int.etukuri.mv/
tel:+9607331319