logo

ދައުލަތަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެތެރެއިން 182 މިލިޔަން ރިކަވަރ ކުރެވިއްޖެ

profile

އައިޝަތު އިނާޝާ - 14 އޯގަސްޓު 2024 - 12:47

މިނިސްޓަރ އިހުސާން

މިނިސްޓަރ އިހުސާން

ބިދޭސީ މުވައްޒަފުން ގެންނަ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެތެރެއިން 182 މިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހާމަކޮށްފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮށްފައިވާ ހުއްދަތަކާ ގުޅިގެން، ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ އަދަދު އެއް ލައްކަ ރުފިޔާއަށްވުރެ އިތުރުވާ މީހުންގެ ލިސްޓެއް މިދިޔަ މަހުގެ ގައި އާންމުކޮށްފައެވެ. އެގޮތުން ފީ ނުދައްކާ ހުރި ކުންފުނިތަކުން އޮގަސްޓު 12 ގެ ކުރިން ފީތައް ދައްކަން މިނިސްޓްރީން ވަނީ އަންގާފައެވެ.

އެ މިނިސްޓްރީން ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިނިސްޓްރީއަށް ލިބެންޖެހޭ ފައިސާ ދައްކަން ފެށީ އެފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކުރި ތާރީޚުން ފެށިގެން ކަމަށެވެ. އެގޮތުން، ބިދޭސީ މުވައްޒަފުން ގެންނަ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން މިއަދާ ހަމައަށް 182،954،572 ރުފިޔާ ރިކަވަރ ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖުލައި 26 ގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ޤާނޫނުތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ލޭންޑް ރެންޓު ނުވަތަ ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 513 މިލިއަން އެމެރިކާ ޑޮލަރު، ޓީ.ޖީ.އެސް.ޓިގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޮލަރު، ޖީ.އެސް.ޓީ ގޮތުގައި 3.3 ބިލިއަން ރުފިޔާ، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1 ބިލިއަން ރުފިޔާ އެބައޮތްކަމުގައި ފާހަގަކުރައްވައި މި ރުފިޔާ ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ. އަދި އެ ފައިސާ އެކަނި ހޯދިޔަސް ޤައުމުގެ ދަރަނީގެ މައްސަލަ ޙައްލުވީކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ސިޔާދަތު ޔަޤީކުރުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ޙިއްޞާކުރައްވައި ރައިސް ވިދާޅުވިގޮތުގައި ނިމި ދިޔަ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައިލިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

tel:+9607331319