logo

ކުންފުނިތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް

profile

ޝުރުފާ މުހަންމަދު - 16 ސެޕްޓެމްބަރު 2024 - 11:59

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ސަރުކާރުގެ ފަރާތުން ކުންފުނިތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގަނެ، އިގްތިސާދީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މި މަހުގެ 11 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ދައުރުން ބޭރު ޖަލްސާގަ އެވެ. މި ބިލުގެ އިބްތިދާއީ ބަހުސް މިއަދު ކުރިއަށްގެންގޮސްފައިވާއިރު ބަހުސްގައި ބައިވެރިވެ ވާހަކަދެއްކެވީ އެންމެ 9 މެމްބަރުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި ވަނީ މި ބިލުގެ އިބްތިދާއީ ބަހުސް އެކަނި ކަމުން، ޖަލްސާ ވަނީ ވަރަށް ކުރުކޮށް ނިމިފަ އެވެ. މި ބިލު ބަލައިގަންނަން މަޖިލީހަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވީ ބިލު ބަލައިގަންނަން ފެންނަ ކަމަށެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 77 މެމްބަރުންނެވެ.

މި އިސްލާހުގެ މަސައްކަތަށް ބާއްވާ އިގްތިސާދީ ކޮމިޓާގެ ފުރަތަމަ ބައްދަލުވުން މިއަދު މެންދުރު 11:30 ގައި ވަނީ ފަށާފަ އެވެ.

ކުންފުނީގެ ގާނޫނު މިހާރު އޮންނަ ގޮތުން ގާނޫނެއްގައި ނުވަތަ ގަރާރެއްގައި ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު ބަޔާންކުރެވޭނެ ކަމަށް އޮވެއެވެ. އެހެންނަމަވެސް ބިލުގައި ހުށަހަޅާފައިވަނީ ގާނޫނެއްގައި، ގަވާއިދެއްގައި ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި ވެސް އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރުކުރެވިދާނެ ކަމަށެވެ.

ކުންފުނީގެ ގާނޫނުގައި ބުނެފައިވާ ގޮތުން:

  • ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި ހުރިހާ ވަގުތެއްގައި މަދުވެގެން 1 ޑިރެކްޓަރަކު ހުންނަން ޖެހޭ
  • ކޮންމެ ޕަބްލިކް ކުންފުންޏެއްގައި މަދުވެގެން 2 ޑިރެކްޓަރުން ތިބެންޖެހޭ
  • ކޮންމެ ސަރުކާރުގެ ކުންފުންޏަކާއި ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން 3 ޑިރެކްޓަރުން ތިބެންޖެހޭ

މީގެއިތުރުން، އެއްވެސް ކުންފުންޏެއްގައި އެއްވެސް ވަގުތެއްގައި ގާނޫނުގައި ބުނާ އަދަދަށް ޑިރެކްޓަރުން ނެތްނަމަ، ގާނޫނުގައި ބުނާ އަދަދަށް ޑިރެކްޓަރުން އައްޔަނުކުރުމަށް ކުންފުންޏަށް އެންގުމުގެ ބާރު ރެޖިސްޓްރާއަށް އޮންނައިރު، އެފަދަ އެންގުމެއް އަންގާތާ 10 ދުވަހުގެ ތެރޭގައި އެ އަދަދަށް ޑިރެކްޓަރުން އައްޔަނުކޮށް ރެޖިސްޓްރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް ބިލުގައި ވެއެވެ. ގާނޫނުގައި މިހާރު އެކަމަށް 30 ދުވަހުގެ މުއްދަތެއް ދެއެވެ.

މެނޭޖިން ޑިރެކްޓަރެއް ނެތް ކުންފުންޏަކަށް އެ މަގާމަށް މީހަކު އައްޔަނުކުރަން ރެޖިސްޓްރާ އަންގައިފިނަމަ، 10 ދުވަސް ތެރޭގައި އެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ވެއެވެ. ގާނޫނުގައި މިހާރު އެކަމަށް ވެސް 30 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

tel:+9607331319