logo

ވޯޓުލާ މީހުންގެ ނިސްބަތް ދަށްވާ ސަބަބު އިލެކްޝަންސް ކޮމިޝަނުން ދެނެގަންނަނީ

profile

ޒިދާން މުޙައްމަދު - 16 އޯގަސްޓު 2024 - 19:08

އަސްލު ޓީވީގެ ކޮންތާކު؟ ކޮންކަމެއް؟ ޕްރޮގުރާމްގެ ތެރެއިން --- ފޮޓޯ: އަސްލު ޓީވީ

އަސްލު ޓީވީގެ ކޮންތާކު؟ ކޮންކަމެއް؟ ޕްރޮގުރާމްގެ ތެރެއިން --- ފޮޓޯ: އަސްލު ޓީވީ

މިފަހަކަށް އައިސް ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ ނިސްބަތް ދަށްވާ ސަބަބު ދެނެގަތުމުގެ މަސައްކަތްކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މީގެ ކުރިން އެ ކޮމިޝަނުން ވަނީ ވޯޓުލާ މީހުންގެ އަދަދު ނިސްބަތުން މަދު ވަނީ އެ އިންތިޚާބުތަކަށް ރައްޔިތުންގެ ޝައުގުވެރިކަން ނެތުމުން ކަމަށް ބުނެފައެވެ.

ނަމަވެސް އޭގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އޮންލައިންކޮށް ސާވޭއެއް ކުރިއަށް ގެންދިއުމަށެވެ. އަސްލު ޓީވީގެ "ކޮންތާކު؟ ކޮން ކަމެއް؟" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ޓްރެއިންރ ފާތިމަތި ޒުހުދާ ވިދާޅުވީ، މި ސާވޭ ކުރަން ނިންމާފައި ވަނީ މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކޮމިޝަނުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ކަމަށެވެ.

ޒުހުދާ ވިދާޅުވީ އެންމެ ފަހުން ބާއްވާފައިވާ ރިޔާސީ އިންތިޚާބާއި ސިޓީ ކައުންސިލަށް މޭޔަރަކު އިންތިޚާބުކުރަން ބޭއްވި އިންތިޚާބުގައިވެސް ވޯޓުލާން ނުކުތް މީހުންގެ ނިސްބަތް މަދު ކަމަށެވެ. އަދި މި ފަހުން ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަނުގައި ވެސް ވޯޓުލާން މީހުން ނުކުތީ ވަރަށް މަދުން ކަމަށެވެ. ވޯޓިން ޓާންއޯވާ އެންމެ ދަށް ކަމަށް ފާހަގަކުރެވެނީ ބައި-އިލެކްޝަންތަކުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އިންތިޚާބުތަކުގައި ވޯޓުލާން ނުކުތުމަށް މީހުންގެ ޝައުގުވެރިކަން އިތުރު ކުރުމަށް އެ ކޮމިޝަނުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ރައްޔިތުންގެ މަޖިލީހާ ވެސް އެ ކަންބޮޑުވުންތައް ހިއްސާކުރިއެވެ.

މިއަހަރު ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސާވޭގެ އިތުރުން "ބާރަކީ ފާހަގަ ކުއިޒު" ގެ ނަމުގައި ކުއިޒެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ކުއިޒް ޕްރޮގްރާމް ކުރިއަށް ގެންދަނީ މިހިނގާ އޮގަސްޓްމަހުގެ 16 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް، 10 ދުވަހުގެ މުއްދަތަށެވެ. ކޮންމެ ދުވަހަކު، ތިން އިޚްތިޔާރީ ޖަވާބު ހިމެނޭ ފަސް ސުވާލު، ވަކި ލިންކެއް މެދުވެރިކޮށްއެ ކޮމިޝަންގެ ފޭސްބުކް ޕޭޖުގައި އާންމު ކުރެނެއެވެ. މި މުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމުގައި ބަލާނީ މުޅި ކުއިޒުގެ ޖުމްލަ ސުވާލުތަކުގެ ތެރެއިން އެންމެ ގިނަ ރަނގަޅު ޖަވާބު ދޭ 3 ބައިވެރިންނަށެވެ. ބައިވެރިންގެ މެދުގައި މާކްސް އެއްވަރުވެއްޖެ ހާލަތެއްގައި، ވަނަ ކަނޑައަޅާނީ ގުރުއަތުލުމުގެ އުސޫލުންނެވެ. ކުއިޒުން ވަނަ ވަނައަށް ހޮވޭ ފަރާތްތަކަށް ލިބޭ އިނާމުތަކަކީ؛

  • 1 ވަނަ އަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ
  • 2 ވަނަ އަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާ
  • 3 ވަނަ އަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާ

ޖަވާބު ދިނުމުގައި ދީފައިވާ އިޚްތިޔާރީ 3 ޖަވާބުގެ ތެރެއިން އެބޭފުޅަކަށް ފެންނަ ރަނގަޅު ޖަވާބު އިޚްތިޔާރު ކުރުމަށްފަހު، ސަބްމިޓު ކުރުމުން އެދުވަހެއްގެ ޖަވާބު ފޮނުވޭނެއެވެ. ކުއިޒާ ގުޅޭ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓު www.elections.gov.mv އިން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކާއި ސިޔާސީ ތަޖުރިބާކާރުންގެ ވޯޓުލުމާއި ޑިމޮކްރެސީއާ ގުޅޭ ގޮތުން ދެއްވާ ހާއްސަ މެސެޖުތައް އިލެކްޝަންސް ކޮމިޝަންގެ ސޯޝަލްމީޑިއާގައި ޝާއިއުކުރަން ވަނީ ނިންމާފައެވެ.

ދިވެހިރާއްޖޭގެ ވޯޓުލާ މީހުންގެ ދުވަހަކީ 2024 އޮގަސްޓު 25 ވާ އާދީއްތަ ދުވަހެވެ.
މިއަހަރުގެ ޝިޢާރަކީ “ބާރަކީ ފާހަގަ”އެވެ.


https://wamco.com.mv/
tel:+9607331319