logo

ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

profile

ޒިދާން މުޙައްމަދު - 06 އޮކްޓޯބަރު 2024 - 12:43

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދުން ފެށިގެން މިމަހުގެ 10 އަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަށް ރައީސް މުއިއްޒު ފުރާވަޑައިގަތީ އާދަކާދައާ އެއްގޮތަށް ރާއްޖޭގެ ރައީސުން އެ ގައުމަށް ކުރައްވާ މިފަދަ ދަތުރުފުޅުތަކަށް އިންޑިއާގެ ސަރުކާރުން ހަމަޖައްސައިދިން ހާއްސަ ފްލައިޓެއްގައެވެ.

އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިތުރުން މުމްބާއީ އަދި ބެންގަލޫރަށް ރައީސް ވަޑައިގެން ވިޔަފާރީގެ މަޝްވަރާތައް ކުރައްވާނެއެވެ.

ރައީސް މުއިއްޒުގެ އަރިހުގައި ވަޑައިގަތް، ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން، އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޓްރާޏްސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްގެ އިތުރުން ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް އާއި ރައީސް އޮފީހުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ރައީސުލްޖުމްހޫރިްޔާ ނިއު ދިއްލީއަށް ވަޑައިގަންނަވާތީ އެ ގައުމުގެ މަގުތަކުގައި ދެ ގައުުމުގެ ދިދަ ޖަހައި ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. ރައީސަށް އިންޑިއާ އިން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނެވެ.

https://int.etukuri.mv/
tel:+9607331319