logo

މާލެ ސަރަޙައްދުން 47 ކެމިކަލް ގުދަނެއް ބަލައި ފާސްކޮށްފި

profile

ޒިދާން މުޙައްމަދު - 08 އޮކްޓޯބަރު 2024 - 11:08

ކެމިކަލް ރައްކާކުރާ ތަންތަން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ހިރާސް ފާސް" ގެ ދަށުން މިހާތަނަށް މާލެ ސަރަހައްދުން 47 ކެމިކަލް ގުދަނަކާއި، ކެމިކަލް ވިއްކާ 24 ފިހާރައެއް ބަލައި ފާސްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ބުނެފިއެވެ.

"އޮޕަރޭޝަން ހިރާސް ފާސް" ކުރިއަށްގެންދަނީ މާލެ ސަރަހައްދު ޒޯންތަކަކަށް ބަހާލައިގެންނެވެ. އެގޮތުން 10 ޒޯނަކަށް ބަހާލައިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްގެ ސިފައިންނާއި ދިވެހި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ޑިފެންސް މިނިސްޓްރީން ހިއްސާ ކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުގައިވާ ގޮތުން މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 47 ގުދަނަކާއި، ކެމިކަލް ވިއްކާ 24 ފިހާރައެއްގެ އިތުރުން، މީހުން ދިރިއުޅޭ 382 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ.

މާލެ ސަރަހައްދުގައި ހުއްދަ ދީފައިވާ 285 ގުދަނެއް ހުރެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގައިހުރި 77 ގުދަނަކާއި، ހުޅުމާލޭގައި ހުރި 36 ގުދަނަކާއި ތިލަފުށީގައި ހުރި 172 ގުދަނެކެވެ.

އޮކްޓޯބަރ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

"އޮޕަރޭޝަން ހިރާސް ފާސް" އަކީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ތަންފީޒުކުރުމުގެ ގޮތުން، ގާނޫނުތަކުން ރެގިއުލޭޓްކުރުމަށް ޑިފެންސް މިނިސްޓްރީއަށް މަތިކޮށްފައިވާ ކަންކަން ތަންފީޒުކުރެވޭކަން ކަށަވަރުކުރުމަށް ކުރެވޭ ހާއްސަ މަސައްކަތެކެވެ.

މި އޮޕަރޭޝަން ކުރިއަށްދާނީ މިމަހުގެ 15 ގެ ނިޔަލަށެވެ.

https://int.etukuri.mv/
tel:+9607331319