logo

އިއްޔެ އެކަނިވެސް ޣައްޒާއިން 80 މީހުން ޝަހީދުކޮށްލި، މުޖާހިދުން ރޭ ހަމަލާދީ އިސްރާއީލު ސިފައިންގެ 7 މީހުން މަރާލި

profile

ސައިފް އަޒުހަރު - 25 ޖޫން 2025 - 05:31

އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި އިއްޔެ އެކަނިވެސް 80 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް، ހޮސްޕިޓަލްތަކާ ހަވަލާދީ ޣައްޒާގެ މީޑިއާ ވަސީލަތްތަކުން ބުނެފިއެވެ.

https://wamco.com.mv/

އަދި ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައި ވެއެވެ.

ޓެރަރިސްޓުން ވައިގެ ހަމަލާތައް ދީފައިވަނީ މަތިންދާ ބޯޓާއި ޑްރޯން ބޭނުންކޮށްގެންނެވެ.

އިއްޔެ ޝަހީދުކޮށްލި 80 މީހުންގެ ތެރެއިން 56 މީހުންނަކީ، ޣައްޒާގައި ބަހާ އިންސާނީ އެހީ ހޯދުމަށް ގޮސް ތިއްބައި އިސްތިއުމާރީ ޓެރަރިސްޓުން ބަޑިޖަހައި ޝަހީދުކޮށްލާފައިވާ މީހުންނެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ، އެމެރިކާގެ ގްރޫޕުން މެއިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ދެ ސަރަހައްދަކުން އިންސާނީ އެހީ ބަހަން ފެށިފަހުން، އެހީ ހޯދަން ގޮސްތިއްބައި އިސްރާއީލު ސިފައިން ބަޑިޖަހައި މިހާތަނަށް 516 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު އެތައް ސަތޭކަ މީހުން ޒަޚަމްކޮށްލާފައި ވެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުންގެ މަތިންދާ ބޯޓުތަކުން ފަތިހުން ފެށިގެން މިހާރުވެސް ގެންދަނީ ޣައްޒާގެ އެކި ތަންތަނަށް ބޮންއަޅަމުންނެވެ.

ޣައްޒާގެ މެދުތެރޭ ނުސައިރަތު ރެފިއުޖީ ކޭމްޕްގެ ގެއަކަށް ފަތިހު ބޮންއަޅައި 5 މީހުން ޝަހީދުކޮށްލާފައި ވާއިރު، އޭގެތެރޭގައި ކުޑަ އަންހެން ކުއްޖަކުވެސް ހިމެނެއެވެ. މިހަމަލާގައި 15 މީހުން ޒަޚަމްވިއެވެ.

ސަލާހުއްދީން ސްޓްރީޓްގައި އިންސާނީ އެހީ ބަހާ ޕޮއިންޓްގައި ތިބި އާންމުންގެ ގަޔަށް ހެނދުނު ބަޑިޖަހައި 5 މީހުން ޝަހީދުކޮށްލާފައި ވެއެވެ.

ޣައްޒާގެ މެދުތެރޭ ދީރުލް ބަލާހްގައި ހުރި ގެއަކަށް ބޮންއަޅައިވެސް ކުޑަކުދިން ހިމެނޭހެން އެތައްބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް، ޣައްޒާގެ މީޑިއާ ވަސީލަތްތަކުން ބުނެއެވެ. ބޮންއެޅުމުގެ ސަބަބުން އެގޭގައި ވަރުގަދައަށް އަލިފާން ރޯވެ އަނދާފައި ވެއެވެ.

ޝުޖައްޔާގެ އަލް ޝަވާ ސްޓޭޝަނަށްވެސް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އެތައްބަޔަކު ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން، ޣައްޒާގެ އާންމުން ޝަހީދުކުރުމުގައި އުޅޭ އިސްތިއުމާރީ ޓެރަރިސްޓުންނަށް މުޖާހިދުން ރޭގައި ވަރުގަދަ ހަމަލާތަކެއްދީ 7 މީހުން މަރާލާފައި ވެއެވެ.

މުޖާހިދުންގެ ހަމަލާތައް އަމާޒުކުރީ 605 ކޮމްބެޓް އިންޖިނިއަރިން ބެޓެލިއަންގެ ސިފައިންނަށެވެ. އެއީ، ޚާން ޔޫނިސްގައި ޖަރީމާތައް ހިންގަންއުޅޭ ގްރޫޕެވެ.

އެ ގްރޫޕަށް މުޖާހިދުން ހަމަލާދިނީ ކުރިން ހަރުކޮށްފައިވާ ގޮވާތަކެތި ގޮއްވާލައިގެންނެވެ.

މުޖާހިދުންގެ ހަމަލާތަކުގައި މަރުވި ސިފައިންގެ ނަންތައް އިސްރާއީލު އަސްކަރިއްޔާއިން ހާމަކޮށްފައި ވާއިރު، މި ހަމަލާގައި މަރުވި މީހުންގެ ހަށިތަކާއި އަދި ޒަޚަމްވި މީހުން މިހާރުވަނީ އިސްރާއީލަށް ގެންގޮސްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay