logo

ނަމާދަކީ މުސްލިމުންގެ ބަދަހިކަމުގެ އެންމެ ވަރުގަދަ އަސާސް: ޚުޠުބާ

profile

އާމިނަތު ޝަޒްލާ - 11 ސެޕްޓެމްބަރު 2026 - 08:39

އިސްލާމްދީނުގެ ވަރުގަދަކަމާއި މުސްލިމުންގެ ސަފުތައް ބަދަހިކަން ރަމްޒުކޮށްދޭ އިޖުތިމާޢީ އެންމެ ވަރުގަދަ އަސާސަކީ ނަމާދުކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމްދީނުގައި ސާބިތުވުން" މި މަޢުޟޫއަށެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގެ ވަރުގަދަކަމާއި މުސްލިމުންގެ އެއްބައިވަންތަކަން ހާމަވާ އެންމެ މުހިންމު އަސާސަކީ ނަމާދެވެ. މީގެ އިތުރުން މުޖުތަމަޢުގައި އިސްލާމީ އަޚުލާޤު ދެމެހެއްޓުމާއި، ބޮޑެތި މީހުންނަށް ކަމޭހިތުމާއި، ކުޑަކުދީންނަށް އޯގާތެރިވުމާއި، ޣީބަ ނުބުނުމާއި، މީސްތަކުންނަށް ހެޔޮކޮށްހިތުމާއި، އަބުރާ ނުބެހުމުގެ އިތުރުން ދީނީ އެންމެހައި އަޚުލާޤިއްޔާތު އިޖުތިމާޢީ ގޮތުން ދެމެހެއްޓުމުގެ މުހިންމުކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

ފަރުދީ ޒިންމާއަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ވިދާޅުވީ، ކޮންމެ މީހަކު ވެސް އެ މީހެއްގެ ނަފުސުގައި އިސްލާމްދީނުގެ ޢަޤީދާއާއި ޙުކުމްތައް ހަރުލެއްވުމަކީ ވާޖިބެއް ކަމަށެވެ. އަދި ރަނގަޅު ފަރުދަކީ ރަނގަޅު ޢާއިލާއެއްގެ މުޑުވައް ކަމަށާއި، ރަނގަޅު ޢާއިލާއަކީ ރަނގަޅު މުޖުތަމަޢެއްގެ ބިންގާ ކަމަށާއި، އަދި ރަނގަޅު މުޖުތަމަޢަކީ ރަނގަޅު ދައުލަތެއްގެ އަސާސް ކަމުގައި ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

މާތް ﷲ އިންސާނުންނަށް ދެއްވި އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީނުގެ ހިދާޔަތްކަން ފާހަގަކުރައްވައި ޚުޠުބާގައި ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އިސްލާމްދީނުގެ ހިދާޔަތުގައި ސާބިތުވެ ތިބޭތާ ނުވަސަތޭކަ އަހަރު ވެފައިވާ ކަމަށެވެ. އަދި މި ވޭތުވެދިޔަ ނުވަ ޤަރުނުގެ ތެރޭގައި އެއްބައިވަންތަކަމާއި މިނިވަންކަންމަތީ ރާއްޖެ ދެމިއޮތުމުގެ އަސްލަކީ ވެސް މާތްވެގެންވާ އިސްލާމްދީން ކަމަށް ވިދާޅުވިއެވެ.

މުޖުތަމަޢެއްގައި އިސްލާމްދީން ދެމިއޮންނާނީ ﷲ ގެ އެއްކައުވަންތަކަމުގެ މައްޗަށް ދަރިން ތަރުބިޔަތުކޮށް، ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދަމަހައްޓައިގެންނެވެ. އިސްލާމްދީނަކީ އެކަކު އަނެކަކަށް އިޙުތިރާމުކޮށް، މީސްތަކުންގެ އަބުރާއި ކަރާމަތާއި، ފުރާނައާއި މުދާ ރައްކާތެރިކުރުމަށް ބާރުއަޅާ ދީން ކަމުގައި ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ޚުޠުބާ ނިންމަވާލައްވަމުން ވިދާޅުވީ، އިސްލާމްދީނުގެ މަތިވެރި އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށްޓަކައި ޤާނޫނީގޮތުންނާއި، ސިޔާސީ ފެންވަރުގައްޔާއި، ތަޢުލީމީ ނިޒާމުގެ ތެރެއިންނާއި، ޢުމްރާނީ ތަރައްޤީއާއި ޙަޟާރަތުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރުމާއި، އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުނުވާނޭހެން ޤާނޫނުތައް ހެދުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ޚުޠުބާގައި ގޮވާލެއްވިއެވެ.

https://wamco.com.mv/
tel:+9607331319