
ޣައްޒާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އިސްރާއީލަށް ދަތިކުރަން ގިނަ ގައުމުތައް ގުޅިގެން ފުރަތަމަ ފަހަރަށް އަމަލީ ފިޔަވަޅުތަކެއް އަޅަނީ

ސައިފް އަޒުހަރު - 17 ޖުލައި 2025 - 07:47
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ހަނގުރާމަ ހުއްޓުވަން، ފުރަތަމަ ފަހަރަށް ގިނަ ގައުމުތަކެއް ގުޅިގެން އިސްރާއީލަށް ދަތިކުރަން އަމަލީ ފިޔަވަޅުތަކެއް އަޅަން ތައްޔާރުވެއްޖެއެވެ.
މި ފިޔަވަޅުތައް ފާސްކޮށްފައިވަނީ، ކޮލަމްބިއާގެ ބޮގޯޓާގައި ބޭއްވި "ދަ ހޭގް ގްރޫޕް" ގެ ދެދުވަހުގެ ކުއްލި ބައްދަލުވުމުގައެވެ. މިއީ، ދުނިޔޭގެ 32 ގައުމު ބައިވެރިވާ ގްރޫޕެކެވެ.
ދަ ހޭގް ގްރޫޕް" ގައި ހިމެނޭ ގައުމުތަކުގެ ވަޒީރުން ބައްދަލުކުރީ ހަމައެކަނި އިސްރާއީލުން ހިންގާ އުދުވާނު ކުށްވެރި ކުރުމަކަށް ނޫނެވެ. އެއާއެކު، އިސްރާއީލު ހުއްޓުވަން ގައުމުތައް ގުޅިގެން އަޅާނެ ފިޔަވަޅުތަކެއް އެކަށައެޅުމަށެވެ.
އެގޮތުން، "ދަ ހޭގް ގްރޫޕް" ހިމެނޭ، ދުނިޔޭގެ ތަފާތު ރީޖަންތަކަށް ނިސްބަތްވާ 12 ގައުމަކުން މައިގަނޑު 6 ކަމެއް ވަގުތުން ތަންފީޒުކުރަން ފެށުމަށް ނިންމާފައި ވެއެވެ.
އެގޮތުން، ވަގުތުން އަޅަންފަށާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ، އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމާއި، އިސްރާއީލަށް ހަތިޔާރު އުފުލަން ބޭނުންކުރާ އުޅަނދުފަހަރު ތަކުގެ ދަތުރުތައް ހުއްޓުވުމާއި، އެ ގައުމުތަކުގައި ބަނދަރުކުރިޔަ ނުދިނުމާއި، އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަވާއިދާ ޚިލާފަށް ހިފުމުގެ މަސައްކަތަށް އެހީތެރިވުމަށް ބޭނުންކޮށްފާނެ ފަންޑުތަކާ ގުޅޭ ކޮންޓްރެކްޓްތައް ބާތިލްކުރުން ހިމެނެއެވެ.
މީގެއިތުރުން، ފަލަސްތީނުގެ ރަށްތަކުގައި ޖަރީމާތައް ހިންގާ އިސްރާއީލުގެ މުޖުރިމުންގެ މައްޗަށް ޝަރީއަތް ހިންގުމަށާއި، ދުނިޔޭގައި ހިންގޭ އެފަދަ ޝަރީއަތްތަކަށް ތާއީދު ދިނުމަށް ނިންމާފައި ވެއެވެ.
މީގެއިތުރުން، ޣައްޒާ ހަނގުރާމަ ހުއްޓުވަން އިސްރާއީލަށް ދަތިކޮށް، އިސްރާއީލާ ދެކޮޅަށް ފިޔަވަޅުތައް އަޅަން "ދަ ހޭގް ގްރޫޕް" އިން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 އާއި ހަމަށް ފުރުސަތު ދިނުމަށްވެސް، ބޮގޯޓާ ބައްދަލުވުމުގައި ކަނޑައަޅާފައި ވެއެވެ.
އެ ދުވަސްވަރަކީ، އދގެ އާންމު މަޖިލީހުގެ ޖަލްސާތައް އޮންނަ ދުވަސްވަރެވެ.
އިސްރާއީލާ ދެކޮޅަށް އަމަލީ ފިޔަވަޅުތަކެއް އަޅަން "ދަ ހޭގް ގްރޫޕް" އިން ނިންމި ނިންމުމާ ގުޅިގެން ފަލަސްތީނުން އދއަށް ކަނޑއަޅާފައި ހުންނަވާ އެމްބަސެޑަރ ވިދާޅުވީ، މިއީ ވަރަށް ތާރީޚީ ކަމެއް ކަމަށެވެ.
ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތައް ހުއްޓުވަން މަޖުބޫރު ކުރުމުގެގޮތުން އިސްރާއީލަށް ދަތިކުރަން ދުނިޔޭގެ 32 ގައުމަކުން މި ނިންމީ، ބޮގޯޓާ ބައްދަލުވުމުގެކުރިން، އެމެރިކާއިން އެކަމާ ދެކޮޅަށް އިންޒާރުތައް ދީފައި ވަނިކޮށެވެ.
ޣައްޒާ ހަނގުރާމައާ މުޅި ދުނިޔެ ދެކޮޅު ހަދަމުންދާއިރުވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަނީ، އިސްތިއުމާރީ އިސްރާއީލަށް ހަތިޔާރާއި، ބޮމާއި، އަސްކަރީ އެނޫން ސާމާނާއި، އެމެރިކާގެ ޖާސޫސުންނާއި، ކުލީ ސިފައިން ފޮނުވައި، ޣައްޒާގެ ނަސްލުނައްތާލުމުގައި އަމަލީގޮތުން ބައިވެރިވެ އަދި އެކަމަށް ހިތްވަރުދެމުންނެވެ.