
ލިޓަން މަރާލިކަމުގެ ކުށް ނިޒާމްގެ މައްޗަށް ސާބިތުވެއްޖެ

މުޙައްމަދު ފަޟްލޫން - 14 އޭޕްރީލު 2026 - 14:23
ވީނުވީއެއް ނޭނގި ގެއްލުނު ބިދޭސީއެއްގެ މަރުގެ މައްސަލައިގައި، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް މަރުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލިޓަން ގެއްލިފައިވަނީ ޑިސެމްބަރު 2022 ގައި ވިލިމާލެއިން ފުރި ފަހުންނެވެ.
ދައުލަތުން އުފުލި ދައުވާގައި ބަޔާންކޮށްފައިވަނީ، ނިޒާމް ވަނީ ލިޓަން ކަނޑަށް ވައްޓާލައި އޭނާ މަރާލާފައި ކަމަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވަނީ ނިޒާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ޝަރީއަތަށް ސާބިތުވާ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި އަދަބު ކަނޑައެޅުމުގެ މަޖިލިސް ބޭއްވުން ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ.
މީގެއިތުރުން، ލިޓަން މަރާލުމަށްފަހު އޭނާގެ ފައިސާތަކެއް ވަގަށް ނެގި ކަމުގެ ދައުވާ ވެސް ދައުލަތުން ނިޒާމްގެ މައްޗަށް ކުރިއެވެ. މި ދައުވާ ވެސް ޝަރީއަތަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ލިޓަން އާއި ނިޒާމް ގެއްލިގެން ހޯދަމުން ދަނިކޮށް، ނިޒާމް ހައްޔަރުކުރީ މާލެއިން ފެނުމާ ގުޅިގެންނެވެ. ތަހުގީގުގެ މަރުހަލާގައި ނިޒާމް ވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް އިއުތިރާފުވެފައެވެ.






.gif&w=3840&q=75)