
އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ނިޝާން އަހުމަދު އައްޔަންކުރައްވައިފި

މުޙައްމަދު ފަޟްލޫން - 14 އޭޕްރީލު 2026 - 14:12
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް އިބްރާހިމް ނިޝާން އަހުމަދު އައްޔަންކުރައްވައިފިއެވެ.
މިއަދާ ހަމައަށް އެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދެވި ނިޝާން އަހުމަދު، މިއަދު ވަނީ ރަސްމީކޮށް އައު މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާފައެވެ.
މި މަގާމު ހުސްވީ، އާންމު ސިއްހަތުގެ ދާއިރާގައި 35 އަހަރަށްވުރެ ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކުރެއްވުމަށްފަހު، މައިމޫނާ އަބޫބަކުރު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. 2016 ވަނަ އަހަރުން ފެށިގެން މި މަގާމު ފުރުއްވި މައިމޫނާއަކީ، ހާއްސަކޮށް ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ނަމޫނާ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވި ނިޝާން އަހުމަދަކީ، ސިއްހީ ދާއިރާގައި، ވަކިން ހާއްސަކޮށް ބަލިތައް ފެތުރުން ދެނެގަތުމާއި މޮނިޓަރ ކުރުމުގެ ރޮނގުން ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ވެސް އާންމު ސިއްހަތުގެ ރައްކާތެރިކަމަށް މަސައްކަތް ކުރައްވާފައިވާ ނިޝާން އައްޔަންކުރެއްވި މި މަގާމަކީ ސިއްހީ ދާއިރާގެ އެންމެ އިސް އެއް މަގާމެވެ.
މި މަގާމުގެ އުޖޫރައިގެ ގޮތުގައި މަހަކު ޖުމްލަ 41,876 ރުފިޔާ ކަނޑައެޅިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރައިގެ 21,884 ރުފިޔާއާއި އެހެނިހެން އެލަވަންސްތަކެވެ. މިދިޔަ ފެބްރުއަރީ މަހު މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، ތައުލީމީ ފެންވަރެއްގެ ގޮތުން މާސްޓާސް ޑިގްރީ ނުވަތަ ޕީއެޗްޑީއާއެކު ދާއިރާގެ ދިގު މުއްދަތުގެ ތަޖުރިބާ ޝަރުތުކޮށްފައިވެއެވެ.






.gif&w=3840&q=75)