logo

ކައުންސިލްތަކަށް މިނިސްޓަރު ޝަހީމްގެ ޚާއްސަ ޝުކުރެއް

profile

ޝާމާ ޝުޢައިބު - 13 އޮކްޓޯބަރު 2024 - 13:29

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުންނާއި އަތޮޅު ކައުންސިލްތަކުން އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީއާ މެދު ބަހައްޓާ ގާތްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ހުރިހާ ކައުންސިލްތަކަށް ޝުކުރު އަދާކުރައްވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިސްކިތު ޤާރީ ކުލާސް ޕްރޮގުރާމް ފެށްޓެވުމަށް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މިސްކިތު ޤާރީ ކުލާސްތައް ކުރިއަށް ގެންދަވާ ފަރާތްތަކަށް ކައުންސިލްތަކުން ވެސް އެހީތެރިކަމާއި ޚިޔާލު ދިނުމަށް އެދިލައްވާ ކަމަށާއި، ޚިޔާލު ތަފާތުވުންތަކެއް އުޅޭނަމަ ވާހަކަދައްކައިގެން އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރެއްވުމަށް އެދިލައްވާކަމަށެވެ.

މިއީ ވަރަށްވެސް ހެޔޮ ރަނގަޅު ފުރުސަތެެއް. ތިޔަބޭފުޅުންގެ ލީޑަރޝިޕްގަ ރަށްރަށުގައި މިކަންތައްތައް ފެތުރިގެން ދިއުން މިއީ ވަރަށް ބޮޑު ހެޔޮކަމެއް. މިކަމުގައި ދެވެން އޮތް އެއްބާރުލުމެއް ދެއްވާ ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދަވާ، - އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މިނިސްޓަރު ވިދާޅުވީ، މިކަންކަމުގައި އެ މިނިސްޓްރީގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެމުން ގެންދާނެ ކަމަށެވެ.

މިސްކިތު ޤާރީ ކުލާހަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ ދަށުން ހިލޭ ޤުރުއާން އުނގަންނައިދިނުމަށް ކުރެވޭ މަސައްކަތަކެވެެ. އެގޮތުން ފުރަތަމަ މި ކުލާސްތައް ފަށާފައިވަނީ ރާއްޖޭގެ 29 ރަށެއްގައެވެ. ވުޒާރާގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ގިނަ ރަށްތަކެެއްގައި މި ޕްރޮގުރާމް ކުރިއަށް ގެންދިއުންކަމަށް ވަޒީރު ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319