logo

"މަޝްރޫއުތައް ފެށީ އެއްގޮތެއް ނެތިއްޔާ އަނެއްގޮތަކުން ކޮންމެވެސް ދިމާލެއްގަ ނިންމަން"

profile

ޝާމާ ޝުޢައިބު - 14 ނޮވެމްބަރު 2024 - 11:22

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ނިމުނު އެމްޑީޕީ ސަރުކާރުން މަޝްރޫއުތައް ފެށީ އެއްވެސް ވިސްނުމެއް ނެތި ކަމަށާއި، އެ މަޝްރޫއުތައް ފެށީ އެއްގޮތެއް ނެތިއްޔާ އަނެއްގޮތަކުން ވެސް ކޮންމެ ދިމާލެއް ނަމަވެސް ކޮންމެވެސް ގޮތަކުން ޕްރޮޖެކްޓެއް ހިންގަން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

"ހަފްތާ52" ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުގައި އެފަދަ ޕްރޮޖެކްޓުތައް ހިންގުމަށް ޕްލޭނިންގް މިނިސްޓްރީއެއް ވެސް އޮތް ކަމަށެވެ. އެހެން ނަމަވެސް ބޮޑެތި ހުރިހާ ޕްރޮޖެކްޓެއްހެން ޓެންޑަރ ކޮށްފަ ހުރީ އިކޮނޮމިކް މިނިސްޓްރީން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް މަޝްރޫއު ޓެންޑަރ ކުރީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ކަމަށެވެ. އަދި ގަމުގެ އެއަރޕޯޓް މަޝްރޫއު ޓެންޑަރ ކުރީ ވެސް އެ މިނިސްޓްރީން ކަމަށާ ފެލިވަރު މަސްފެކްޓްރީ މަސައްކަތް އިއުލާނު ކުރީ ވެސް އިކޮނޮމިކް މިނިސްޓްރީން ކަމަށެވެ. އެއަށްފަހު މަޝްރޫއުގައި ސޮއި ކުރަން ހަވާލުކުރަނީ ކޮންމެވެސް އެސްއޯއީއަކާ ކަން މިނިސްޓަރު މުއްތަލިބް ފާހަގަކުރެއްވިއެވެ.

މިސާލަކަށް ދަންނަވާނަމަ ހަނިމާދޫގަ އެބައޮތް އެއްކިލޯ މީޓަރުގެ ފިއުލް ޖެޓީއެއް އަޅާފަ. ހަނިމާދޫގަ ހަދާފަ އޮތް އިންޓަރނޭޝަނަލް އެއާޕޯޓަކީ އަދި ހަނިމާދޫއަކީ ފުން ފަޅެއް އޮންނަ ތަނަކަށްވާތީ އެތަނަށް ބޭނުންވާ ތެޔޮ، ތެޔޮ ބާޖެއްގަ ވެއްދޭވަރު ތަނެއް، މާކަނޑުގަ ބޮޑު ބޯޓެއް ބާއްވައިގެން ތެޔޮ ސަޕްލައި ކުރަން ޖެހޭވަރު ތަނެއް ނޫން އެއީކީ. މުސްތަގްބަލުގަ ވެސް އެކަން ކުރާކަށް ނުޖެހޭނެ. އެހެންނަމަވެސް ގާތްގަނޑަކަށް 15 ވަރަކަށް މިލިއަން ޑޮލަރު ޚަރަދު ކޮށްފަ އެއްކިލޯ މީޓަރުގެ ފިއުލް ޖެޓީއެއް އަޅާފަ އޮތީ. އަޅުގަނޑުމެން އައިސްފަ އެ ނަގާލަން ބެލިއިރުގަ އެއަށްވުރެ ބޮޑަށް މަސައްކަތް ކުރިއަށް ގެންގޮސްފަ އޮތީ. ނަގާލައިފިނަމަ ދައުލަތަށް ލިބޭ ގެއްލުން މާ ބޮޑު. އެހެންވީމަ އަޅުގަނޑުމެން އެކަން ކުރިއަށް އެބަ ގެންދަން: ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް

ގިރާވަރު ބިން ހިއްކުމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ ގިރާވަރު ބިން ހިއްކުން ހަވާލުކޮށްފަ އޮތީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކިޔާ ކުންފުންޏަކާ ކަމަށެވެ. ނަމަވެސް މި ކުންފުނި އުފައްދާފަ އޮތީ ދައުލަތުގެ ފަންޑު މެނޭޖްކޮށްގެން ފައިސާ ހޯދަން ކަމަށާ ޕްރޮޖެކްޓް ހިންގާކަށް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ކުންފުނިން ގިރާވަރު ޕްރޮޖެކްޓް ހިންގުމަށްޓަކައި ލީ ޕްރޮޕޯޒަލްއަކަށް ބަޔަކާ ހަވާލުކޮށް 7.5 މިލިއަން ޑޮލަރު އެންމެ ފުރަތަމަ އެޑްވާންސް ޕޭމަންޓަށް ދިން ކަމަށެވެ. އެ ފައިސާއިން ކުރި އެއްވެސް ކަމެއް ނޭންގޭއިރު އަނެއްކާ އިތުރު 10 މިލިއަން ޑޮލަރު އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް އެޑްވާންސް ޕޭމަންޓަށް ދީފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެފަހުން ފުރަތަމަ ފޭސް މަސައްކަތް ކުރިއަށް ދަނިކޮށް އަނެއްކާ އިތުރު 49 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކޮށް، އެމެންޑްމަންޓެއް ގެނަސް އިތުރު 20 މިލިއަން ޑޮލަރު އެޑްވާންސް ޕޭމަންޓުގެ ގޮތުގަ ދިނުމަށް ކަނޑައެޅިކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ކަންކަމަކީ ދުރުރާސްތާ ޕްލޭނެއްނެތި މިދިޔަ ސަރުކާރުން އެކިއެކި ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި ކަންތައް ކޮށްފައިވާ ޒިންމާދާރުކަން ކުޑަ ގޮތްތަކުގެ ކުޑަ މިސާލެއް ކަމަށެވެ. އޭގެ ސަބަބުން ލިބުނު ހުރިހާ ގެއްލުމެއް ވާރުތަވެގެން ދިޔައީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނަމަވެސް އެމަނިކުފާނު އެކަންކަން ބައްލަވަމުން ގެންދަވަނީ ނުހަނު ހިކުމަތްތެރިކަމާއެކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319