logo

ތިލަމާލެ ބްރިޖު ނިންމުމުގެ މަސައްކަތް 50 އިންސައްތައާ ގާތްކުރަނީ: މިނިސްޓްރީ

profile

ޝާމާ ޝުޢައިބު - 01 އޮކްޓޯބަރު 2024 - 12:15

ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ތެރެއިން

ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ތެރެއިން

ގްރޭޓަރ މާލެ ކަނެކްޓިވިޓީ، މާލެ-ތިލަފުށި ލިންކް ޕްރޮޖެކްޓް، ‘ތިލަމާލޭ ބްރިޖް’ މަޝްރޫއު ނިންމަން ކުރަމުންދާ މަސައްކަތް 50 އިންސައްތައާ ގާތް ކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން ޑިރެކްޓަރ އަބްދުالله މިއުވާން ޝަރީފް ވިދާޅުވެއްޖެއެވެ.

ތިލަމާލެ ޕްރޮޖެކްޓްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވާ 'އަސްލު ޓީވީ' ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ، އެ މަސައްކަތް ކުރިއަށް ދަނީ ޝެޑިއުލް ކުރެވިފައިވާ ގޮތަށް ކަމަށެވެ. އަދި ޝެޑިއުލްޑް ޕްރޮގްރެސްއަށްވުރެ ފިނިޝިންގް ޕްރޮގްރެސް ބައެއްފަހަރު ކުރިއަރައިގެންދާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އަދި މި މަޝްރޫއުގެ ކަންކަން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. މުއްޠަލިބް އިންޑިއާގެ މުންބާއީއަށް މިދިޔަ މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ތިލަމާލޭގެ 12 ވަނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި، ޕްރޮޖެކްޓް ކުރިއަށްދާ މިންވަރު ބެލުމަށްޓަކައި ސްޓްރެޓެޖިކް އަދި ޓެކްނިކަލް މަޝްވަރާތައް ކުރެވުނު ކަމަށެވެ.

މި ބައްދަލުވުމުގެ މަޤްޞަދަކީ ޕްރޮޖެކްޓް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށްޓަކައި މިނިސްޓްރީތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ އެންމެ އިސް ފަންތީގެ ބޭފުޅުންގެ ޝާމިލްވުމާއެކު ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމޭނެކަން ކަށަވަރު ކުރުމެވެ.

މީގެއިތުރުން މާލެއިން ގުޅީފަޅާއި ހަމައަށް މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރުގެ މާޗު 31 ވަނަ ދުވަހު ކަމަށާއި، ގުޅީފަޅުން ތިލަފުށްޓާ ހަމައަށް މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރުގެ ސެޕްޓެންބަރު 30 ވަނަ ދުވަހު ކަމައްވެސް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

https://int.etukuri.mv/
tel:+9607331319