
އުމްރާއަށް ދާ މީހުންނަށް ކާޑް ލިމިޓް އިތުރުކޮށްފި

އައިޝަތު އިބްރާހިމް - 17 ފެބްރުއަރީ 2025 - 11:36
އަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި ޢުމްރާއަށްދާ މީހުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑަށް 1500 ޔޫއެސް ޑޮލަރުގެ ލިމިޓް ދިނުމަށް އެ ބޭންކް އިން ނިންމައިފިއެވެ.
ކުރިއަށް އޮތް ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް އިތުރު 1،500 ޑޮލަރު ލިމިޓެއް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވީ ފެބްރުއަރީ ހަ ވަނަ ދުވަހެވެ.
ރައީސްގެ މިއެންގުމާއި އެއްގޮތަށް ބީއެމްއެލުން އެކަން ހަމަޖައްސާފައިވާއިރު، އެ ބޭންކުން މިއަދު ބުނެފައިވަނީ ، ކާޑަށް ދޫކުރާ މި ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސައުދީ އަރަބިިއްޔާގައި ކަމަށެވެ. މި ލިމިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށްވެސް އެއް ޑެބިޓް ކާޑަށް ކަމަށްވެސް ބުނެފަވެއެވެ.
އަދި އުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ އުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން އުމްރާ ގްރޫޕްތަކުން މިކަމުގައި އަމަލުކުރަންވީ ގޮތުގެ ތަފްސީލް ބޭންކުން އެ ގްރޫޕްތަކާ ހިއްސާކޮށްފައިވާ ކަަމަށްވެސް ބީއެމްއެލް އިން ބުނެފައިވެއެވެ. އެހެންކަމުން އުމްރާ ގްރޫޕްތައް މެދުވެރިކޮށް އުމްރާއަށް ދާ ފަރާތްތަކުން އެ ގްރޫޕަކާ ގުޅުމަށް އެދޭ ކަމަށްވެސް އެ ބޭންކް އިން ވިދާޅުވެފައި ވެއެވެ.
އަދި އުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރު ކުރާ އުމްރާވެރިން، ފުރުމުގެ ފަސް ދުވަސް ކުރިން (ބޭންކު ބަންދު ދުވަސްތައް ފިޔަވައި) ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުން ބޭންކުން ކާޑު ލިމިޓް ހަމަޖައްސައިދޭނެ ކަމަށްވެސް އެ ބޭންކް އިން ވިދާޅުވެފައި ވެއެވެ.
ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 އެމެރިކާ ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 އެމެރިކާ ޑޮލަރުގެ ލިމިޓް ލިބޭނެ ކަމަށް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ ޢުމްރާ ވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 އެމެރިކާ ޑޮލަރު ބޭންކުން ވިއްކާނެކަންވެސް ފާހަގަކޮށްފައިވެއެވެ.