logo

މަސްދަރު ހާމަކުރަންޖެހޭ މާއްދާ އިސްލާހުނުކޮށް މަޖިލިސް ޗުއްޓީއަށް ދިޔުމުން އެމްއެމްސީން ކަންބޮޑުވުން ފާޅުކޮށްފި

profile

މުޙައްމަދު މުއައްވަޒު - 27 އޭޕްރީލު 2023 - 11:44

ނޫސްވެރިން މަސްދަރު ހާމަކުރަންޖެހޭ މާއްދާ އިސްލާހުނުކޮށް މަޖިލިސް ޗުއްޓީއަސް ދިޔުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއެމްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭނެހެން، ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުވާ މާއްދާއެއް ކަމުގައިވާތީ، އެއީ އެ ކައުންސިލާއި، ރާއްޖޭގެ ހުރިހާ ނޫސްވެރިންނާއި މީޑިއާގެ ކަންބޮޑުވުން އޮތް މައްސަލައެއްކަމަށެވެ.

އެމްއެމްސީން ބުނެފައިވަނީ، މި މައްސަލަ އެންމެ ފުރަތަމަ އުފެދިގެން އައިއިރު، އެ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެދިފައިވާނީ ހެއްކާ ބެހޭ ބިލުން އެ މާއްދާ އެއްކޮށް އުނި ކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުން އިންތިހާއަށް އޮތް އެ މާއްދާއާއެކު ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކޮށް، މިހާރު ވަނީ އެ ގާނޫނަށް އަމަލު ކުރާތާ 3 މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އެމްއެމްސީން ބުނީ، ނޫސްވެރިން މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އެ ގާނޫނު ދެމި އޮތުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ފުރިހަމަ މިނިވަންކަން ގެއްލިފައި އޮތް ހާލަތެއްކަމާށާއި، އެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން އަލުން ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަން ފެށުމަކީ މި ކައުންސިލުން މަރުހަބާ ކިޔާ ކަމެއްކަމަށެެވެ. އެހެން ނަމަވެސް މިކަމަކީ ނޫސްވެރިންނަށް ވަރަށް ހައްސާސް މައްސަލަކަށް ވާއިރު، ވޭތުވެދިޔަ ދުވަސްތަކުގައި އެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ދިޔައީ އެންމެ އެކަށީގެންވާ އަވަސް މިނެއްގައި ނޫން ކަމަށް އެ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

"ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތް ހެއްކާ ބެހޭ ގާނޫނު އިސްލާހު ނުކޮށް އެތައް ދުވަހެއް ހޭދަވަމުން ދަނިކޮށް، އަލުން އެ ގާނޫނު އިސްލާހު ނުކޮށް އަނބުރާ ކޮމިޓީ އަށް ފޮނުވައިލުމަށް ފަހު މަޖިލިސް ޗުއްޓީ އަށް ދިޔުމަކީ މި ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއް. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށްޓައި ސަރުކާރުން އަހަންމިއްޔަތުކަން ދޭ މިންވަރާ މެދު ސުވާލު އުފެދޭ ކަމެއް" - އެބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްސީގައ ބަޔާނުގައި ބުނެފައިވަނީ މިހާރު ހެއްކާ ބެހޭ ބިލް އޮތީ، ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބި، މިނިވަން ނޫސްވެރިކަމާއި ތަހުގީގީ ނޫސްވެރިކަން ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅޭ ފަދަ ގޮތަކަށް ކަމަށެވެ. ސަބަބަކީ، ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާގައި މިހާރު ހިމަނާފައިވާގޮތުން ނަމަ، ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަޙްޤީޤުކުރާ ފަރާތުން ނުވަތަ ޕްރޮސކިޔުޓަރ ޖެނެރަލް ނުވަތަ ދަޢުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަޞްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ޙާލަތްތަކެއްގައި އެ މަޞްދަރު ހާމަކުރުމަށް ޝަރީޢަތުން މަޖުބޫރުކުރެވިދާނެ ގޮތަށް އޮތީމައެވެ. ނަމަވެސް ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ، އެއްވެސް ޤާނޫނެއްގައި ތަފްސީލުކޮށް ކަނޑައަޅާފައި ބަޔާންކޮށްދީފައިވާ ކުށްތަކަށް ނުވާއިރު، ވަރަށް ފުޅާކޮށް މާނަކުރެވިދާނެ ކަމަކަށްވާތީ އޭގެ ނާޖާއިޒު ފައިދާނެގޭ ގޮތަށް ހުޅުވިގެންދާނެ ކަމަށް އަކައުންސިލުން ވަނީ ބުނެފައެވެ. ހަމަ އެހެންމެ، ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ކުށްތަކަކީ، ތަނަކަށް ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް (imminent threat) އަންނާނެ ކަމަކަށް ނުވާއިރު، އެކަންކަމަށްވެސް ރިއާޔަތްކުރުން މުހިއްމު ކަމުގައި އެމްއެމްސީން ވަނީ ބުނެފައެވެ.

އެހެންކަމުން، ޓެރަރިޒަމްގެ ކުށްތައް އެކަނި ހިމަނަށް ނިންމާ ހާލަތުގައިވެސް، ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާއާއި 12 މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކަށް އެކަނި ހަނިކުރުން މުހިންމުކަމަށާއި މީގެ އިތުރުން، ޕްރޮސެކިއުޓަރ ޖެނެރަލް ނުވަތަ ދަޢުވާލިބޭ ފަރާތުން މަސްދަރު ހޯދަން އެދުމުގެ ބަދަލުގައި، އާންމު އުސޫލެއްގެ ގޮތުން އެކަންކަމަކީ ތަހުގީގު މަރުހަލާގައި ހޯދަންޖެހޭ މައުލޫމާތަށްވާތީ، ހަމަ އެކަނި ތަހުގީގީ އިދާރާއިން އެދުމުން، އެ ނޫން އެއްވެސް ގޮތެއް ނެތިގެން މެނުވީ މަސްދަރު ނުހޯދޭނެގޮތަށް ހިމެނުމަށްވެސް ފާހަގަކޮށްފައިވާނެ ކަމަށްވެސް އެމްއެމްސީން ވަނީ ބުނެފައެވެ. ހަމަ އެހެންމެ، އެ މާއްދާގައި ބަޔާންކުރާ ހާލަތެއް ސާބިތު ކުރުމުގެ ބަދަލުގައި 136 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް ވެސް މަދަނީ މިންގަނޑުން ސާބިތުރުކުރެވިގެން މެނުވީ މަސްދަރު ހާމަކުރުމަށް ނޭންގޭނެ ގޮތަށް ހިމެނުމަށްވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅައިފައިވާނެ ކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާއަށް މި ކައުންސިލުގެ ފުރަތަމަ ހުށަހެޅުމަކީ އެ މާއްދާ މި ބިލުން އެއްކޮށް އުނި ކުރުންކަމާއި، ނަމަވެސް އެ މާއްދާ އެއްކޮށް އުނި ނުކުރުމަށް ނިންމަވާ ހާލަތުގައިވެސް، ފާހަގަކޮށްފައިވާ އެންމެހާ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ވީހާވެސް އަވަހަށް އެ ގާނޫނު އިސްލާހު ކުރުމަށް އެމްއެމްސީން ވަނީ ގޮވާލާފައެވެ.

މި ގާނޫނު މިހާރު އޮތްގޮތަށް އޮތުމަކީ ޕްރެސް ފްރީޑޮމް އިންޑެކްސްގައި ދިވެހިރާއްޖެ އަށް ހީނަރުކަން އަންނާނެ ކަމެއް ކަމަށާއި ނޫސްވެރިންގެ ކަންބޮޑުވުން އޮތް ގާނޫނުގެ މަސައްކަތް އިތުރަށް ދިގުނުދަންމައި ވީހާވެސް އަވަސް ހައްލެއް ހޯދައި ދިނުމަށް އެމްއެމްސީން ވަނީ ގޮވާލާފައެވެ.

tel:+9607331319