ރ. އަލިފުށީގައި ޤާއިމުކުރާ ޓިވެޓް ސެންޓަރ (ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް) ޕްރޮޖެކްޓްގެ 89 އިންސައްތަ ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނެފިއެވެ.
ހަޔަރ އެޑިއުކޭޝަނުން ބުނީ އެ މަޝްރޫއަކީ އެ މިނިސްޓްރީން ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ޤާއިމުކޮށް، ރައްޔިތުންނާ ގާތުން މިފަދަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެއް ޕްރޮޖެކްޓު ކަމަށެވެ.
މިނިސްޓްރީން ބުނީ އަލިފުށީގައި ޤާއިމުކުރާ ޓިވެޓް ސެންޓަރުގެ މަސައްކަތް ފުރިހަމަކުރެވި، ކިޔަވައިދޭން ފެށޭނެކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ.
އެގޮތުން މި ސެންޓަރުގައި، ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާތަކަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ޓިވެޓް ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން "ޓްރާންސިޝަން 360" - ޓިވެޓް ސްޓޫޑެންޓް އިންކިއުބޭޝަން ޕްރޮގްރާމަކާއި، ދަރިވަރުން ކިޔަވާ ކޯސްތަކުގެ މޮޑިއުލްތަކުގެ އިތުރުން 30 ގަޑިއިރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްވެސް ރޭވިފައިވާ ކަން ވަނީ ހާމަކޮށްފައެވެ.
މި އިންސްޓިޓިއުޓުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ފައިބަރގްލާސް ބޯޓްބިލްޑިންގ، އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ތަފާތު ޓެކްނިކަލް ވޮކޭޝަނަލް ދާއިރާތަކުން ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިމެނެއެވެ.
އަލިފުށީގައި ޤާއިމު ކުރެވެމުންދާ ޓިވެޓް ސެންޓަރުގެ އިންސްޓިޓިއުޓް ބްލޮކްގެ އިމާރާތްކުރުމުގެ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާކަން ހިއްސާކޮށް ހަޔަރ އެޑިއުކޭޝަނުން ބުނީ މި މަރުކަޒަށް ބޭނުންވާ ފަރުނީޗަރާއި، ވޯކްޝަޕްތަކަށް ބޭނުންވާ އެކިކަހަލަ މެޝިނަރީސް/ޓޫލްސް އަދި އެހެނިހެން ތަޢުލީމީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫޢު ފުރިހަމަވުމުން، ރ. އަތޮޅަށާއި މުޅި ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާއަށްފާހަގަކޮށްލެވޭފަދަ ކުރިއެރުމެއް ލިބިގެންދާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ. އެހެންކަމުން ރަށުން ބޭރުން ކިޔެވުމަށް އަންނަ ދަރިވަރުންނަށް މި ރަށުގައި ޤާއިމުވެ ތިބެގެން ތަޢުލީމް ހާޞިލްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެކޮމޮޑޭޝަން ބްލޮކެއްގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ. މި ބްލޮކްގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިންގުމަށް ޚާއްޞަ ރިކްރިއޭޝަން ބްލޮކެއްގެ މަސައްކަތް ވެސް ކުރެވެމުންދާއިރު މި ބްލޮކްގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.