.jpg&w=3840&q=75)
ފަތިހުވެސް ނިދަންތިބި އާއިލާއެއް ވުޖޫދުން ފޮހެލައިފި، ވީހާވެސް ގިނަމީހުން މެރުމަށް ޣައްޒާއަށް މިހާރު އަޅަނީ ހައި-ޕަވާރޑް ބޮންތައް

ސައިފް އަޒުހަރު - 25 އޭޕްރީލު 2025 - 09:03
އިސްތިއުމާރީ ޓެރަރިސްޓުން ރޭ ފަތިހުން ފެށިގެން ޣައްޒާގެ އެކި ރަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.
ޣައްޒާގެ އުތުރަށާއި، ޣައްޒާގެ މެދުތެރެ އަދި ޣައްޒާގެ ދެކުނަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ، އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ މީޑިއާ ވަސީލަތްތަކުން ބުނެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ގިނަ ހަމަލާތައް އަމާޒުކުރަމުން ގެންދަނީ، ގެދޮރު ގެއްލި މަގުމަތިވެފައިވާ އާންމުން ދިރިއުޅޭ ޓެންޓު އަވަށްތަކަށެވެ.
ރޭގައިވެސް، ޓެރަރިސްޓުންވަނީ ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގެ ޓެންޓަކަށް ބޮންއަޅައި، އެއް އާއިލާގެ ހުރިހާ މެމްބަރުން ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި އުމުރުން 4 އަހަރާއި، 6 އަހަރާއި 8 އަހަރުގެ ތިން ކުދިންވެސް ހިމެނެއެވެ. އެކުދިންގެ މަންމައާއި ބައްޕަވެސް މި ހަމަލާގައި ޝަހީދުވެފައި ވާއިރު، އެކުދިންގެ މަންމަ އިނީ ބަލިވެއެވެ.
މި އާއިލާ ދިރިއުޅޭ ޓެންޓަށް ޓެރަރިސްޓުން ބޮންއެޅީ އެންމެން ނިދަން ތިއްބައެވެ.
ޚާން ޔޫނިސްގެ އެކި ހިސާބުތަކަށް މިއަދުވެސް ބޮންއަޅަމުން އެބަ ގެންދެއެވެ.
ޣައްޒާގެ އުތުރުން ޖަބަލިއާ ރެފިއުޖީ ކޭމްޕްގެ ގެއަކަށް މިއަދު ބޮންއަޅައި އެތައްބަޔަކު ޝަހީދުކޮށްލާފައި ވާއިރު، އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދަދުތަކެއް އަދި ސާފެއް ނުވެއެވެ.
ޣައްޒާގެ އުތުރުގައި ހުންނަ އަހްލީ ހޮސްޕިޓަލަށް މިއަދު ބަޑިޖަހަމުން ގެންދާއިރު، ގާޒާ ސިޓީގެ މެޑިކަލް ކްލިނިކަކަށް ބޮންއަޅައި އެތައްބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ.
ގާޒާ ސިޓީގެ ޝުޖައްޔާ އަވަށަށް ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން އެކަކު ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށް، ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.
އިއްޔެއަކީ ޣައްޒާގައި ޓެރަރިސްޓުން ބޮޑެތި ލޭއހޮރުވުންތައް ހިންގާފައިވާ ދުވަހެކެވެ. އިއްޔެ އެކަނިވެސް ޣައްޒާއިން 60 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު، ޖަބަލިއާގައި އާންމުން ދިރިއުޅޭ އިމާރާތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދިނުމުގެ ސަބަބުން އެ އިމާރާތުން އެކަނިވެސް ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 23 އަށް އަރާފައެވެ. އޭގެ ތެރޭގައި އެތައް ކުޑަކުދީންވެސް ހިމެނެއެވެ.
ހަމަލާދީ ވައްޓާލާފައިވާ އިމާރާތުގެ ދަށުން މަރުވެފައިވާ ކުޑަކުދީންނާއި، އަންހެނުންގެ ހަށިތައް އަދިވެސް ނަގަމުން ގެންދެއެވެ.
ގާޒާ ސިޓީގެ އަލް ޔަރްމޫކް މަގުގައި ހުންނަ ގެއަކަށް ބޮންއެޅުމުގެ ސަބަބުން ވަރަށް ތުއްތު ކުއްޖެއް ފިޔަވައި، އެ އާއިލާގެ ހުރިހާ އެންމެންވަނީ ޝަހީދު ކޮށްލާފައެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ވަކި ތަނެއް ނުބަލައި ޣައްޒާއަށް މިހާރު އަޅަމުންގެންދަނީ ހައި-ޕަވާރޑް ބޮންތަކެވެ. އެއީ، ބޮން ވައްޓާލާ ބޮޑު ސަރަހައްދަކަށް ގެއްލުންދީ، ވީހާވެސް ގިނަ އާންމުން މަރާލުމަށް އަމާޒުކޮށްގެންނެވެ.