logo

މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ މައްސަލައިގެ އަޑު އެހުމެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 09 އޭޕްރީލު 2026 - 12:44

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ އިހްތިޔާރު ސިޔާސީ ޕާޓީތަކަށް ދިނުމަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން ހުށަހެޅިފައިވާ ދުސްތޫރީ މައްސަލައިގެ ދެވަނަ އަޑުއެހުން އަންނަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްގެންދަން ތާވަލްކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލައިގެ ދެވަނަ އަޑުއެހުން ބޭއްވުމަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައެވެ.
މިއީ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، އަލީ ހުސައިން ހުށަހެޅުއްވި ދުސްތޫރީ މައްސަލައެކެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންދެވިފައިވަނީ 17 ފެބްރުއަރީ 2025 ގައެވެ. މިއަދު ކުރިއަށްދާ ދެ ވަނަ އަޑުއެހުން ބޭއްވެނީ، ފުރަތަމަ އަޑުއެހުމަށް 421 ދުވަސް ފުރިހަމަވި ފަހުންނެވެ.

ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވައި، ސުޕްރީމް ކޯޓަށް މި މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް، ދެ ފަރާތުގެ ހުށަހެޅުންތަކަށް ރިއާޔަތްކުރެއްވުމަށް ފަހު، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލަ ކުރިއަށް ގެންދެވުމަށް ނިންމަވައިފައެވެ.

ފުރަތަމަ އަޑުއެހުމަށް ފަހު ފާއިތުވި މުއްދަތުގެ ތެރޭގައި، ސުޕްރީމް ކޯޓަށް ގިނަ ބަދަލުތަކެއް ވަނީ އައިސްފައެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، ހަމަ މި މައްސަލަ ހިނގަމުންދިޔަ ދަނޑިވަޅުގައި، ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހެޅި، ހުށަހެޅުމާ ގުޅިގެން ބޭއްވި އަޑުއެހުން ފެށުމަށް ކުޑަ ވަގުތެއް ކުރިން، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރެވިފައިވާ ކަމެވެ.

ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ ލިބިފައިވާ ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއިދާ އެކު، ގާނޫނުއަސާސީގެ ފަސް މާއްދާއަކަށް ވަނީ އިސްލާހު ގެނެސްފައެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު ބަދަލާ ގުޅިގެން، ހިދުމަތްކުރައްވަމުންދާ ދައުރުގެ ތެރޭގައި، ވާދަކޮށް ހޮވިވަޑައިގެންނެވި ޕާޓީ ދޫކޮށް އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވެވަޑައިގެންފި ނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކޮށްފި ނަމަ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ސާފުކޮށް ކަނޑައެޅިފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk