މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އައްޔަނުކުރާ އިޖުރާއަތުތަކަށް މި ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަށް ފާޑުކިޔޭނެ ޖާގައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވީ އޭސީސީގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމުގެ ބާރު ރައިސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް އިޝާރާތް ކުރައްވައި މެމްބަރު ވިދާޅުވީ، އިދިކޮޅަށް އެކަމުގައި ފާޑުކިޔޭނެ ޖާގަ ނެތީ، ނިމިދިޔަ ވެރިކަމުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އައްޔަނުކުރާ އިޖުރާއަތަށް ވެސް އެބަދަލު ގެނެސްފައިވާތީ ކަމަށެވެ.
"(ސިވިލް ސާވިސް ކޮމިޝަން) އެތަނުގެ ރައީސަކީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަން ވެސް ލިބިވަޑައިގަންނަވާ ބޭފުޅެއް. އެހެންވީމާ ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ މަގާމަށް ބޭނުންވާ ބޭފުޅަކު އައްޔަނުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަންއަށް އެބޭފުޅަކު ފޮނުވާ އެބޭފުޅާ ލައްވާ ކުރުވަން ބޭނުންވާ ކަންތައްތައް ކުރުވޭނެ ގޮތަށް ގާނޫނު ބަދަލުކުރެއްވީ މިސަރުކާރުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސްގެ މަގާމު މިގޮތަށް ބަދަލު ކުރީމާ އެއީ ފާޑުކިޔޭނެ ކަމެއް ނޫން." ނާޒިމް
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން އެއްފަހަރާ ވަކިކުރި މައްސަލަ ވެސް މެމްބަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ އޭސީސީއަކީ ރަނގަޅަށް މަސައްކަތްކޮށް، މައްސަލަތައް ބެލޭ ތަނެއް ކަމަށް އެއްވެސް ދިވެހި ރައްޔިތަކު ގަބޫލުނުކުރާ ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވަމުން ނާޒިމް ވިދާޅުވީ އެ ކޮމިޝަން ވެސް ރަނގަޅަށް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އޭސީސީގެ ރައީސް އައްޔަނުކުރާ އިޖުރާއަތަށް ބަދަލު ގެންނަން ޖެހޭ އެހެން ސަބަބެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ، ކޮމިޝަންތަކުގެ ތެރޭގައި އުފެދޭ މައްސަލަތަކުގައި މެމްބަރުން އެކަހެރި ކުރާ މައްސަލަތައް ފެންމަތިވުން ހުއްޓުވުމަށްޓަކައެވެ.
ނާޒިމް ފާހަގަކުރައްވަނީ ނިމިދިޔަ ސަރުކާރުގައި އިލެކްޝަންސް ކޮމިޝަނުގެ ތެރޭގައި ޖެހުނު މައްސަލަތަކެއްގައި އެ ކޮމިޝަންގެ ރައީސް ފުއާދުއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ނަގާ މަގާމުން ވަކިކުރަން އުޅުނު މައްސަލައެވެ.
ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހެޅުއްވި ބިލުގައި ވަނީ، ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ ވެސް އެ ކޮމިޝަނުގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ކަމަށް ވެސް އިސްލާހުގައި ވެއެވެ.
ރައީސާއި ނައިބު ރައީސް އައްޔަން ކުރެއްވުމަށް ނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަން ދިރާސާކޮށް މަޖިލީހުން ފާސްކުރަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.