logo
އެރްލިންގް ހާލަންޑް

އެރްލިންގް ހާލަންޑް

ހާލަންޑް ރެކޯޑް ހެދިއިރު، ފުލަމް އަތުން ސިޓީއަށް އުނދަގޫ މޮޅެއް

profile

ހަސަން ޝަމްއޫން - 03 ޑިސެމްބަރު 2025 - 10:54

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 5-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން ތާވަލުގެ ކުރީގައި އޮތް އާސެނަލް އާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.

https://wamco.com.mv/

ލީގުގައި ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ލީޑްސް އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ފުލަމް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިޓީ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސިޓި އިން މެޗު ޑޮމިނޭޓްކުރިއިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފު ފެށިގެން ފުރަތަމަ ނުވަ މިނެޓެތެރޭގައި އިތުރު ދެލަނޑު ކާމިޔާބުކޮށް ސިޓީ އިން ވަނި ހަތަރު ލަނޑުގެ ލީޑެއް ހޯދާފައެވެ. ނަމަވެސް މެޗުގެ ފަހު 33 މިނެޓުތެރޭގައި ފުލަމް އިން ވަނީ އިތުރު ތިންލަނޑު ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

އެގޮތުން މިމެޗުގައި ސިޓީގެ މިޑްފީލްޑަރު ފިލް. ފޯޑެން ދެލަނޑު ކާމިޔާބުކުރިއިރު، މިޑްފިލްޑަރު ތިޖާނީ ރެއިންޑަސް އަދި ފޯވާޑް އެރްލިން ހާލަންޑް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ ފުލްމްގެ މިޑްފިލްޑަރު ސެންޑަރ ބޭގަރ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިމެޗުގައި ހާލަންޑް ކާމިޔާބުކުރި ލަނޑަކީ ޕްރެމިއާ ލީގުގައި އޭނާ ކުޅުނު 111 މެޗުގައި ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. މިއީ ޕްރެމިއާ ލީގު ތާރީޚްގައި ވެސް ފާހަގަކޮށްލެވޭ ރެކޯޑެކެވެ.

މީގެ އިތުރުން މިމެޗުގައި ފްލަމްގެ ސެމުއެލް ޗުކުވުއެޒޭ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމު އެމިލޭ ސްމިތް ރޯވް އަދި އެލެކްސް އިވޯބީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 14 މެޗުން މެންޗެސްޓާ ސިޓީއަށް 28 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ޕްރެމިއާ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ފުލަމް އިން ލީގުގައި ކުޅުނު 14 މެޗުން ހޯދި 17 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ޕްރެމިއާ ލީގުގެ 15 ވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay