
ދަރިވަރެއްގެ ގައިގައި އަތްލައި އިންޒާރުދިން ޓީޗަރަކު ހައްޔަރުކޮށްފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 22 އޮކްޓޯބަރު 2025 - 11:52
ދަރިވަރެއްގެ ގައިގައި އަތްލައި އެ ކުއްޖާއަށް އިންޒާރުދިން ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ރާއްޖޭގެ އުތުރުގެ ރަށެއްގައެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އުތުރުގެ ރަށެއްގައި އިންޑިއާގެ ޓީޗަރަކު ސްކޫލް ދަރިވަރެއްގެ ގައިގައި އަތްލައި، ދަރިވަރަކާ ދައްކަން ނުޖެހޭ ފަދަ ވާހަކަތައް ދެއްކުމުގެ އިތުރުން އެ ކުއްޖާއަށް ބިރުދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކުރީ 54 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.
މި ފަދަ މައްސަލަތައް މިފަހުން އިތުރުވެފައިވާއިރު ދަރިވަރެއްގެ ގެޔަށް ގޮސް ޖިންސީ ގޯނާކުރި ދިވެހި ޓީޗަރަކު ވެސް ހުޅުމާލެއިން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު، 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.






.gif&w=3840&q=75)