logo
ރައީސް، ކޮޕް31 ސަމިޓުގެ ހަވާސާގައި، އެއޯސިސްގެ ލީޑަރުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ބޭއްވެވި މުހިންމު ބައްދަލުވުން، ފޮޓޯ: ރައީސް އޮފީސް

ރައީސް، ކޮޕް31 ސަމިޓުގެ ހަވާސާގައި، އެއޯސިސްގެ ލީޑަރުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ބޭއްވެވި މުހިންމު ބައްދަލުވުން، ފޮޓޯ: ރައީސް އޮފީސް

މޫސުމީ އެހީ ހޯދުމަށް ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރަން ޖެހޭ: ރައީސް

profile

އާމިނަތު ޝަޒްލާ - 13 ނޮވެމްބަރު 2026 - 12:41

ކުދި ޖަޒީރާ ގައުމުތަކަށް ފަސޭހަކަމާއެކު ކްލައިމެޓް ފައިނޭންސް ނުވަތަ މޫސުމީ އެހީ ލިބޭނެ ގޮތް ހެދުމަށްޓަކައި، ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އަލުން އިސްލާހުކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، މިހާރު ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ ލީޑަރުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ބޭއްވެވި މުހިންމު ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށެވެ. އެހެންކަމުން، މިހާރުން މިހާރަށް އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ ކްލައިމެޓް ފައިނޭންސާއި، މާލީ ނިޒާމު އިސްލާހުކުރުމުގެ އިތުރުން، އެއްބަސްވާ ކަންކަން ތަންފީޒުކުރުމަށް އަމަލީ ގޮތުން މަސައްކަތްތައް އަވަސްކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމީ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކްލައިމެޓް ފައިނޭންސް ވާންޖެހޭނީ އެކަށީގެންވާ މިންވަރަކަށް، ދަތިކަމެއް ނެތި ފަސޭހައިން ލިބޭ، އަދި ޔަގީންކަން އޮތް ހިލޭ އެހީއަކަށް ކަމަށެވެ. ޚާއްޞަކޮށް ކުރިއަށް އޮތް ތަނުގައި ލަފާކުރެވޭ "ސުޕަރ އެލް ނީނޯ" ގެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ދޭ މާލީ އެހީ (އެޑެޕްޓޭޝަން ފައިނޭންސް) އިތުރުކުރުމަށާއި، މިހާރުން މިހާރަށް "ލޮސް އެންޑް ޑެމޭޖް ފަންޑު" އަށް ފައިސާ ޖަމާކޮށް އެ ފަންޑުގެ މަސައްކަތްތައް ފުރިހަމަކުރުމަށް ވެސް ރައީސް ބާރުއެޅުއްވިއެވެ.

މީގެއިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) އޮތް ނާޒުކު ހާލަތަކީ، ލުއިފަސޭހަކަމާއެކު މާލީ އެހީ ހޯދުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެކަން ކަށަވަރުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ބައިނަލްއަގުވާމީ މާލީ އޮނިގަނޑު މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް އިސްލާހުކުރަން ޖެހޭކަމަށް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ދުނިޔެ ހޫނުވުމާއި މޫސުމީ މައްސަލަތައް އުފެދުމުގައި އެއްވެސް ހިއްސާއެއް ނެތް ކުދި ގައުމުތަކުން، މޫސުމީ ކާރިސާތަކާ ކުރިމަތިލުމަށްޓަކައި ބޮޑެތި އިންޓަރެސްޓުގައި ދަރަނި ނަގަން މަޖުބޫރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ގައުމުތަކުގެ ތަރައްގީ މަޑުޖެހި، ނުއުފުލޭފަދަ ބޮޑެތި ދަރަނީގެ އަނދަވަޅަކަށް އެ ގައުމުތައް ވެއްޓިގެން ނުވާނެކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319