
އިންގްލޭންޑާއި އެންޑޯރާ ވާދަކުރި މެޗުގެ ތެރެއިން
ރަށުން ބޭރުގައި އެންޑޯރާ އަތުން އިންގްލޭންޑަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން - 08 ޖޫން 2025 - 05:32
ވޯލްޑްކަޕް ކޮލިފައިންގ ގުރޫޕް ކޭގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން އެންޑޯރާ އަތުން މޮޅުވެ އިންގްލޭންޑުން ގުރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ކޮލިފައިންގައި އިންގްލޭންޑް 3-0 ގެ ނަތީޖާއަކުން ލެޓްވިއާ އަތުން މޮޅުވެފައިވާއިރު، އެންޑޯރާ އެންމެ ފަހުން ކުޅުނު މެޗުގައި އަލްބޭނިއާ އަތުން އެޓީމު ބަލިވީ ވެސް 3-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންގްލޭންޑުންނެވެ.
ފީފާ ރޭންކިންގެ 173 ވަނައިގައި އޮތް އެންޑޯރާއި ރޭންކިންގެ ހަތަރު ވަނައިގައި އޮތް އިންގްލެންޑް ވާދަކުރި މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އިންގްލޭންޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި އެންޑޯރާ އިން ވަނީ ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވް ކުޅުމެއް ދައްކައިދީފައެވެ.
އިންގްލޭންޑުން މެޗުގެ ލީޑުހޯދި ލަނޑު ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ. މިއީ އެޓީމުގެ ނޯނީ މަޑުއެކޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ ހެރި ކޭން އިނގިރޭސި ޤައުމީ ޓީމަށް ކުޅެދިން 106 ވަނަ މެޗުގައި އޭނާ ކާމިޔާބުކުރި 72 ވަނަ ލަނޑެވެ.
މީގެ އިތުރުން ވެސް މިމެޗުގައި އިންގްލޭންޑުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އިންގްލޭންޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި އިންގްލެންޑް އޮތްއިރު، މިމެޗުން ބަލިވި އެންޑޯރާ ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފި
މަހެއް ކުރިން

ފޮރެސްޓް ބަލިކޮށް މެންޗެސްޓާ ސިޓީ އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
މަހެއް ކުރިން

ރަށުން ބޭރުގައި ޕީއެސްޖީ އިން އާސެނަލް ބަލިކޮށްފި
މަހެއް ކުރިން

ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އަލް ނަސްރު ޗެންޕިއަންސް ލީގުން ކަޓައިފި
މަހެއް ކުރިން