logo

އަނިޔާކުރި މައްސަލަ ބަަލަން ހާއްސަ ޓީމެއް ރަސްދޫގައި

profile

ޝުރުފާ މުހައްމަދު - 06 އޭޕްރީލު 2024 - 14:17

އއ.ރަސްދޫ

އއ.ރަސްދޫ

އއ. ރަސްދޫގައި މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް ގަނާކޮށް، އަނިޔާކުރި މައްސަލަ ބެލުމަށް ކަމާ ބެހޭ އިދާރާތަކުގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްދޫގައި މި ވަގުތު ހަރަކާތްތެރިވަމުން ދަނީ ފުލުހުންގެ އިތުރުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އޮފިޝަލުން ހިމެނޭ ކަމަށެވެ.

ރަސްދޫ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ފެންމަތިވީ ރޭ ސޯޝަލް މީޑިއާގައި މިކަމުގެ ވީޑިއޯއެއް އާންމުވުމާއި އެކުއެވެ. އެ ވީޑިއޯގައި ފެންނަގޮތުން ވީޑިއޯ ކޮށްފައިވަނީ ވެސް އަނިޔާކުރި ކުދިން. ވީޑިއޯއިން ފެންނަގޮތުގައި އެ ކުއްޖާއަށް އަނިޔާކޮށްފައި ވަނީ އެ ރަށު މިސްކިތުގެ ވުލޫ ކުރާ ސަރަހައްދުގައެވެ.

ފުލުހުން ބުނީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ކުދިން ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެކަން ކުރީ އުމުރުން 13 އަހަރާއި 14 އަހަރުގެ ދެ ކުދިން ކަމަށް ފުލުހުން ބުނޭ. މިއީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލައަކަށް ވާތީ ފުލުހުން ވަނީ މިކަމާ ގުޅޭ ވީޑިއޯތައް އަދި އެ ކުދިންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް އެދިފައެވެ. އެހެންވެ އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރި ގިނަ ފަރާތްތަކުން ވަނީ ވީޑިއޯ ޑިލީޓްކޮށްލާފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުއްޖާ މިސްކިތުން ދަމާފައި އެއްކައިރިކޮށް، އޭނާ ކޮޅުފައިންނާއި، އަތުން އަދި ފެންފުޅި އަކުން ތަޅާ، އަނިޔާކޮށްފައިވެއެވެ. ބޮލަށް ފެން އަޅާ، ކުޑަ ކަކުލަށް ތިރިކޮށް ގަދަކަމުން ރަބަރު ޕެކެޓެއް ކާންދޭން ވެސް މަސައްކަތްކޮށްފައިވެއެވެ. ބޭ އަދަބީ ބަހުން އެއްޗެހި ކިޔާ އަނިޔާކުރަމުން ދިޔަ އިރު، އަނިޔާގެ ޝިކާރައަކަށް ވީ ކުއްޖާ އެކަން ނުކުރުމަށް އެދި އާދޭސްކޮށް ރޮއެ ހަދާ އަޑު ވެސް އެ ވީޑިއޯއިން އިވެއެވެ.

އަނިޔާކުރަމުން ދިޔަ އިރު، އެ ދެ ކުދިން ވެސް އެއްޗެހި ކިޔާފައި ވަނީ މާލޭގައި ހަރަކާތްތެރިވާ މަޝްހޫރު ގޭންގަކަށް އެމީހުން ނިސްބަތްވާ ފަދަ މޭރުމަކުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާ ލިބުނު ކުއްޖާއަކީ އެ އަތޮޅު މަތިވެރިން ރަސްދޫއަށް ޒިޔާރާތްކުރި ކުއްޖެކެވެ.

https://int.etukuri.mv/
tel:+9607331319