
ކަސްޓަމްސްގެ ގާނޫނީ ޒިންމާތަކާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސް!

އާމިނަތު ޝަޒްލާ - 04 އޯގަސްޓު 2026 - 13:01
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ގާނޫނީ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ނުރަނގަޅު ވާހަކަތަކެއް ފަތުރަމުންދާތީ، އެކަމާ ގުޅިގެން އެ މުއައްސަސާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާ ގުޅިގެން ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ރާއްޖެ އަންނަ ފަސިންޖަރުންގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައިފާސްކުރުމަކީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން އެ މުއައްސަސާއާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާއެއް ކަމަށެވެ. މި މަސައްކަތްތަކަކީ ބަނދަރުތަކުގައި ގާއިމުކޮށްފައިވާ ވަސީލަތްތައް ބޭނުންކޮށްގެން، ލިބޭ މައުލޫމާތާއި ހޯދުންތަކަށް ރިއާޔަތްކޮށް، ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކަސްޓަމްސްއިން އިތުރަށް ހާމަކުރި ގޮތުގައި، މިގޮތަށް ބަލައިފާސްކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ބޯޑަރުން ހިފެހެއްޓުމެވެ. އަދި އޭގެ ސަބަބުން ދިވެހި ރައްޔިތުންނާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ މުއައްސަސާގެ އެންމެ ބޮޑު އަމާޒެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯޑަރުގެ ސަލާމަތަށް ހާއްސަ އިސްކަމެއް ދެއްވާއިރު، ކަސްޓަމްސްއިން ދަނީ މި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދަމުންނެވެ.
އެހެންކަމުން، ކަސްޓަމްސްގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށާއި، މުއައްސަސާއާމެދު ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން ދޮގު މައުލޫމާތު ނުފެތުރުމަށް އެ މުއައްސަސާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެލްޖީއޭ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުމަކީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާންކުރުން : ރައީސް ނަޝީދު
4 ގަޑިއިރު ކުރިން
ޑީއެންއާރުގެ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
4 ގަޑިއިރު ކުރިން

ކިނޮޅަސް ކައުންސިލް އިމާރާތުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެ
4 ގަޑިއިރު ކުރިން

ކޮންގޯގައި އެބޯލާ ފެތުރި މަރުވި މީހުންގެ އަދަދު 1,700 އަށްވުރެ މައްޗަށް!
8 ގަޑިއިރު ކުރިން


