
މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމް ވަކިކުރާ ޖަލްސާ މެއި 31 ގައި

މުޙައްމަދު ފަޟްލޫން - 28 މޭ 2026 - 14:46
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާ އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފައިވާކަން އަސްލަށް އެނގިއްޖެއެވެ.
ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި، ނާޒިމަށް އިތުބާރު ނެތް ކަމަށް ފާސްކޮށް، އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މި މައްސަލައިގައި، މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ނާޒިމަށް ވަނީ 14 ދުވަހުގެ ނޯޓިސްއެއް ދީފައެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ ހަފުތާގައި ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ، މި މައްސަލައިގެ ބަހުސަށް ޖުމްލަ އެއް ގަޑިއިރު ކަނޑައެޅުމަށެވެ.
މީގެ ތެރެއިން ނާޒިމަށް ޖަވާބުދާރީވެވަޑައިގަތުމަށް 10 މިނެޓު ދިނުމަށް ނިންމާފައިވާއިރު، މެންބަރުންގެ ބަހުސަށް ކަނޑައަޅާފައިވަނީ 50 މިނެޓެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، އިތުބާރު ނެތްކަމުގެ މައްސަލައެއްގައި ދެވޭ 14 ދުވަހުގެ ނޯޓިސް ހަމަވުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި އެ މައްސަލައަށް ގޮތެއް ނިންމުމަށް ޖަލްސާއެއް ބާއްވަންޖެހެއެވެ.
ނާޒިމަށް ދީފައިވާ ނޯޓިސްގެ މުއްދަތު މާދަމާއަށް ހަމަވާއިރު، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހަކީ އަންނަ އާދިއްތަ ދުވަހެވެ.
މި މައްސަލައިގައި ގޮތެއް ނިންމުމުގެ ބޭނުމުގައި، މި މަހުގެ 14 ވަނަ ދުވަހު ނިންމާލުމަށް ކުރިން ހަމަޖެހިފައި އޮތް މަޖިލީހުގެ މި ދައުރު، މި މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި މެންބަރު ނާޒިމް ނުހިމަނައި، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގައި މިހާރު ތިއްބެވީ ޖުމްލަ 72 މެންބަރުންނެވެ.
އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވާތީ، އެ ދުވަހު މާލޭގައި ތިއްބެވުމަށް ޕީއެންސީގެ ހުރިހާ މެންބަރުންނަށް މިހާރު ވަނީ އަންގާފައެވެ.
ނާޒިމަށް ޖަވާބުދާރީވުމަށް 10 މިނެޓުގެ ފުރުސަތެއް ދިނުމަށް ކަނޑައަޅާފައިވީ ނަމަވެސް، މި ގަރާރު ހުށަހެޅި ދުވަހު އޭނާ ވަނީ މެލޭޝިއާއަށް ފުރާވަޑައިގެންފައެވެ. އެހެންކަމުން، ޖަވާބުދާރީވެވަޑައިގަތުމަށް އޭނާ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމެއް އަދި ސާފެއް ނުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކޮށް. ބޭނުންކުރާ ކަމުގެ ތުހުމަތުގަ ހިންނަވަރުން މީހަކު ހައްޔަރަށް
8 މިނިޓު ކުރިން

ރޯވި އަލިފާން، ނިއްވާލައިފި
10 މިނިޓު ކުރިން

ވަންގަވް މެދުވެރިކޮށް 23 އިދާރާއަކުން 400 އަށްވުރެ ގިނަ ހިދުމަތް ދަނީ ފޯރުކޮށްދެމުން
13 މިނިޓު ކުރިން

ސްކޭމްގައި ގެއްލުނު ފައިސާގެ ތެރެއިން 2 ލައްކަ އަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)