logo
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު  / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

މީޑިއާގެ ޢިލްމީ ޖީލެއް ބިނާކުރާނެ ފުރުސަތުތައް ތަނަވަސްކުރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސުލްޖުމްހޫރިއްޔާ

profile

މުޙައްމަދު ފަޟްލޫން - 03 މޭ 2026 - 02:09

މީޑިއާގެ އިލްމީ ޖީލެއް ބިނާކުރާނެ ފުރުސަތުތައް ތަނަވަސްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ހިތާބުގައި އެމަނިކުފާނު ވަނީ މީޑިއާތައް ބާރުވެރިކުރުވަން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

މި ހިތާބުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ، ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް، ހާއްސަކޮށް ހީވާގި ދިވެހި ނޫސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރެއްވިއެވެ.

މީޑިއާއަކީ، ޤާނޫނު އަސާސީގައި ސަރީހަކޮށް ބަޔާންކޮށްފައިވާ، ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ "ހަތަރުވަނަ ބާރު" ކަން ފާހަގަކުރައްވައި، ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަމެއްކަމުގައި ވިދާޅުވިއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުޞަތު ދެވިފައިވައި، ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ކަނޑައަޅުއްވާފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ޚިޔާލުފާޅުކުރުމުގައި އަހްލާގީ މިންގަނޑުތަކަށް ތަބައަވުމާއި، މުޖުތަމައުގެ ޢާންމު މަސްލަހަތު ހިފެހެއްޓުމާއި، ސިލްމާއި ސަލާމަތު ނެގެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހަނދުމަފުޅުކޮށްދެއްވިއެވެ.

ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަވަމުން ގެންދަވާ އެންމެ މަތީ އެއް މަޞްލަޙަތު ކަމަށާއި ނޫސްވެރިންނަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދެއްވާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުއްވިއެވެ.

އަދި މިވަގުތަކީ، ނޫސްވެރިކަމާއި، ޓެކްނޮލޮޖީ އާއި، މަދަނީ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކާ ދެމެދު އޮންނަ ވަކިވަކި ގުޅުންތައް ގުޅުވާނެ ނިޒާމުތަކާމެދު ދުނިޔޭގައި ފުޅާކޮށް ބަހުސްކުރަމުން އަންނަ ވަގުތެއް ކަމަށާއި، ނޫސްވެރިކަމުގެ މުސްތަޤުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ގާއިމުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ އަމަލީ މަސައްކަތުގެ ތެރެއިން ސަރުކާރުގެ މޯލްޑިވްސް 2.0 ގެ ތަސައްވުރު ހަގީގަތަކަށްވެގެންދާއިރު، ހުރިހާގޮތަކުންވެސް ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ފަހި މާހައުލެއް ތަނަވެސްވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޫސްވެރިކަމަކީ، އެ މަސައްކަތްކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހޭކަމަށާއި، އެގޮތުން ރާއްޖޭގެ އާބާދީގެ ކުޑަކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައި، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ފައިހަމަކުރާނެ، މީޑިއާގެ ޢިލްމީ ޖީލެއް ބިނާކުރާނެ ފުރުސަތުތައް ތަނަވަސްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން މީޑިއާ ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ ބައެއް ކަންކަމުގެ ތަފްސީލް އެމަނިކުފާނުގެހިތާބުގައި ހިއްސާކުރެއްވިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އިނގިރޭސި ބަހުންވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައިވެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ދިފާއުކުރުމަށް މަސައްކަތްކުރާ ފަރުދުންނާއި ޖަމިއްޔާތަކުގެ މުހިންމުކަމަށް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން މި ފަރާތްތަކަކީ ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ، ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ކަށަވަރުކޮށްދޭ އެންމެ މުހިންމު އެއް ބާރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިނިވަން ނޫސްވެރިކަމަކީ މަދަނީ ބައިވެރިވުން ވަރުގަދަކޮށްދޭ ކަމެއްގެ އިތުރުން ތެދު މައުލޫމާތު ރައްކާތެރިކޮށްދޭ ވަސީލަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންދަނީ މީޑިއާއަށް އިންވެސްޓްކޮށް، މަޢުލޫމާތު ލިބޭނެ މަގުތައް ފަހިކޮށް، އަދި ހުޅުވާލެވިފައިވާ ބަހުސްތަކަށް ފުރުސަތު ދީގެން، ހޭލުންތެރި އަދި ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި، ހިތްވަރާއި އިޙްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރަމުންދާ ނޫސްވެރިންގެ މަސައްކަތް ސަރުކާރުން ބަލައިގަންނަކަން ހާމަކުރައްވައި، ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުރަމުންދާ މި އަގުހުރި ހިދުމަތުގައި ދެމިތިބުމަށް ހުރިހާ ނޫސްވެރިންނަށް އިލްތިމާސްކުރައްވަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk