
ޗައިނާގެ ރައީސް އަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

މުޙައްމަދު ފަޟްލޫން - 17 ފެބްރުއަރީ 2026 - 07:19
ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގް އާއި ސްޓޭޓް ކައުންސިލްގެ ޕްރިމިއަރ ލީ ކިއާންގް އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ރައީސް ޝީ ޖިންޕިންގް އަށް ފޮނުއްވި ސިޓީފުޅުގައި، ޔިއަރ އޮފް ދަ ފަޔަރ ހޯސް ރަމްޒުކޮށްދޭ ހަކަތައާއި، ސާބިތުކަމާއި، ކުރިއަށްދިއުމުގެ ރޫޙުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި މިއީ ކަންކަމާ ކުރިމަތިލުމުގެ ޤާބިލުކަމާއި މަޤްޞަދުތަކެއް އޮވެގެން ހޯދާ ކުރިއެރުމުގެ ނިޝާނެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އިތުރަށް ބަދަހިވެ، އިތުބާރު ހުރި ބައިވެރިންގެ ގޮތުގައި ތަރައްޤީގެ މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ޕްރިމިއަރ ލީ ކިއާންގް އަށް ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ރަޙުމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރަކީ ދެ ޤައުމަށްވެސް ލާބަޔާއި މަންފާ ލިބިގެންދާނެ އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ އަހަރެއްކަމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ދެ ސިޓީފުޅުގައިވެސް، ދިވެހިރާއްޖެއިން އަބަދުވެސް "ވަން-ޗައިނާ ޕްރިންސިޕަލް" (އެއް ޗައިނާގެ ސިޔާސަތަށް) ފުރިހަމައަށް ބޯލަނބާނެކަމުގެ ޔަޤީންކަން ދެއްވައި، ދެ ފަރާތުގެ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާފައެވެ.
ޗައިނާގެ ދެ ލީޑަރުންނަށް ފުރިހަމަ ޞިއްޙަތާއި އުފާވެރިކަމަށް އެދިވަޑައިގެން، ޗައިނާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ތަރައްޤީއާއި ތަނަވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ހެޔޮ ދުޢާ ދަންނަވާފައިވެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި، ފާއިތުވި އަހަރުތަކުގައި ޗައިނާއިން ހޯދާފައިވާ އާދަޔާޚިލާފު ކުރިއެރުންތައް ފާހަގަކުރައްވައި، އެ ޤައުމުގެ ރައްޔިތުންނަށް އިތުރު ތަރައްޤީއާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ ސްވައިޕް އައްޑޫ ސިޓީގައި ތައާރަފްކޮށްފި
7 ގަޑިއިރު ކުރިން

އައިފޯން ގިވްއަވޭ ޕްރޮމޯޝަންގައި ގޫގުލް ފޯމް ފުރާކަށް ނުޖެހޭނެ: އެލައިޑް އިންޝިއުރަންސް
9 ގަޑިއިރު ކުރިން

ޣާލިބަށް ތާއީދުކުރާ ކަމަށް ބުނާ ވާހަކަ ރައީސް ދޮގުކުރައްވައިފި
12 ގަޑިއިރު ކުރިން
އެއަރޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްފި
13 ގަޑިއިރު ކުރިން


.gif&w=3840&q=75)