logo

ބަނގުލަދޭޝްގެ 55 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

profile

ރިޟްވާން މޫސާ - 26 މާރިޗު 2026 - 11:37

ބަންގްލަދޭޝްގެ 55 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ބޮޑުވަޒީރު ޠާރިޤް ރަޙްމާނަށާ، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރަކީ، ބަންގްލަދޭޝްއާއި ދިވެހިރާއްޖެޔާ ދެމެދުގައި ސިޔާސީގުޅުން ގާއިމު ކުރެވުނުތާ 48 އަހަރު ފުރޭ އަހަރުކަމުގައި ފާހަގަ ކުރައްވާފައެވެ.

ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ މި ގާތްގުޅުން ބިނާވެގެންވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާ، އިޙްތިރާމުގެ މައްޗަށް ކަމަށާ، އަދި މިގުޅުން ދުވަހެއް ދުވަހަކަށް ހަރުދަނާވެ، ފުޅާވެގެން ދިޔުމުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގުޅުން މުހިއްމު ދައުރެއް އަދާކުރާކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ

އަދި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، ކުރިޔަށް އޮތްތާގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ދިވެހިރާއްޖެޔާ، ބަންގްލަދޭޝްއާ ދެމެދުގައި އުފެދިފައިވާ ހަރުދަނާ ބަދަހި ގުޅުން ބިނާވެގެންވަނީ، ދެޤައުމުން އަހައްމިއްޔަތުކަންދޭ ކަންކަމާ، އަދި މިސަރަޙައްދުގެ ސުލްޙަ މަސަލަސްކަމާ އަމާންކަމުގެމައްޗަށް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

ހަމަ މިޔާއެކު، ދެޤައުމުގެ އެއްގޮތް ސަޤާފަތާ އަދި ފަރުދުންގެ މެދުގައި އުފެދިފައިވާ ގާތްގުޅުމުގެ ސަބަބުން، މި ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް މަގުފަހިވެގެންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި ވިޔަފާރިއާ، ޞިއްޙަތާ، މީހުން ބިނާކުރުމާ، ތަޢުލީމާ، އަދި ޓެކްނޮލޮޖީގެ ދާއިރާއިން ބަންގްލަދޭޝްއިން ދެއްވަމުން ގެންދަވާ އެހީތެރިކަމުގެ ސަބަބުން، ރާއްޖެއަށް ލިބެމުންދާ ތަރައްޤީއާއި ކުރިއެރުން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވަމުން، ބަންގްލަދޭޝްގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތަކާއި އުފާވެރިކަމަށާ، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk