logo
މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހަމް ވާދަކުރި މެޗުގެ ތެރެއިން...

މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހަމް ވާދަކުރި މެޗުގެ ތެރެއިން...

މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހަމްގެ ކުރިމަތިލުން އެއްވަރު

profile

ހަސަން ޝަމްއޫން - 11 ފެބްރުއަރީ 2026 - 06:27

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ވެސްޓްހަމް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ތާވަލުގެ ތިންވަނައަށް އެރުމަށް ލިބުނު ފުރުސަތު މެންޗެސްޓާ ޔުނައިޓެޑުން ނަގާލައިފިއެވެ.

https://wamco.com.mv/

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ޓޮޓެންހަމް އަތުން މޮޅުވެފައިވާއިރު، ލީގުގައި ވެސްޓްހަމް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ބާންލީ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ ވެސް 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޔުނައިޓެޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކަށް ވެސް އިނދިކޮޅު ޓީމުގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ދެޓީމުން ވެސް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ވެސްޓްހަމް އިންނެވެ.

މިލަނޑު ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ތޯމަސް ސޯސެކްއެވެ. މިއީ އެޓީމުގެ އިނގިރޭސި ފޯވާޑް ޖެރާޑް ބޮވެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ 13 މިނެޓު ފަހުން ޔުނައިޓެޑްގެ ބްރެޒިލް މިޑްފިލްޑަރު ކަސަމީރޯ ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެެވެ.

ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ސްލޮވޭނިއާގެ ފޯވާޑް ބެންޖަމީން ޝެޝްކޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިނަތިޖާއެކު ލީގުގައި ކުޅުނު 26 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 45 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގެއެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 26 މެޗުން ވެސްޓްހަމްއަށް 24 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay