logo

އޭޕީއާރްއެފްއެޗްއީ ގެ 12 ވަނަ ބައްދަލުވުން ފަށައިފި

profile

އައިޝަތު އިނާޝާ - 24 ސެޕްޓެމްބަރު 2024 - 12:59

ފޮޓޯ: އެންވަރަންމެންޓް މިނިސްޓްރީ

ފޮޓޯ: އެންވަރަންމެންޓް މިނިސްޓްރީ

އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތް އެންޑް އެންވަޔަރަންމަންޓް (އޭޕީއާރްއެފްއެޗްއީ) ގެ 12 ވަނަ އިސް ފެންވަރުގެ ބައްދަލުވުން މިއަދު ފަށައިފިއެވެ.

މި ބައްދަލުވުން ކުރިޔަށް ގެންދަނީ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވަނީ މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވަފުދެކެވެ.

މި ބައްދަލުވުމުގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ދިމާވެފައިވާ ޞިއްޙީ އަދި ތިމާވެށީގެ ކުއްލި ހާލަތްތަކާ ކުރިމަތިލުމަށް އެކަށައަޅަންޖެހޭ ސްޓްރެޓެޖީތަކާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.

އަދި މި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 5 ވަނަ މިނިސްޓީރިއަލް ބައްދަލުވުމަށް ތައްޔާރުވުމުގެ މަސައްކަތްތައްވެސް މި ބައްދަލުވުމުގައި ކުރިއަށްދާނެ ކަމަށް އެންވަރެންމެންޓް މިނިސްޓްރީން ބުނެއެވެ.

އޭޕީއާރްއެފްއެޗްއީ އަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ޞިއްޙަތާއި ތިމާވެށީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، މި ދާއިރާތަކުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަސައްކަތްކުރާ މުހިންމު ފޯރަމެކެވެ.

މި ބައްދަލުވުމުގައި ބައިވެރިވާ ދިވެހި ވަފުދުން މި ސަރަޙައްދުގެ އެހެން ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅާނެކަމަށް ބެލެވެއެވެ.

ރާއްޖެއިން މި ފޯރަމްގައި ބައިވެރިވުމުން ފަންނީ ތަޖުރިބާއާއި އެކި އެކި ވަސީލަތްތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި ދެމެހެއްޓެނިވި އަދި ޚަރަދު ކުޑަ ސިއްހީ ފަރުވާއާއި ތިމާވެށީގެ ސިޔާސަތުތައް އެކުލަވާލުމުގައި މެމްބަރު ޤައުމުތަކުން އެހީތެރިވެދޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓަރ ގެ މި ދަތުރުފުޅުގެ އެކި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖެއާއި އިންޑޮނޭޝިއާ އާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވެ، ރާއްޖޭގެ ސިއްހީ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށް އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

https://int.etukuri.mv/
tel:+9607331319